ފަހުވަގުތު ރަޝްފޯޑް ޔުނައިޓެޑް މޮޅުކޮށްދީފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ފަހުވަގުތު މާކަސް ރަޝްފޯޑް ކާމިޔާބުކުރި ލަނޑާއެކު ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ވަރުގަދަ މެންޗަސްޓަރ ޔުނައިޓެޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ 0-1 ގެ ފަރަގުކުޑަ ނަތީޖާއަކުންނެވެ.
ދެޓީމަށްވެސް މެޗުގައި މާގިނަ ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ނުވާއިރު، މެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
މުޅި މެޗުގައި ޔުނައިޓެޑުން 18 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ 3 ހަމަލާއެކެވެ. އަދި ވެސްޓްހަމް އަށް މެޗުގައި 6 ހަމަލާއެއް އުފެއްދިފައިވާއިރު ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މެޗުގައި ޔުނައިޓެޑުންޖެހި ލަނޑުގެ އިތުރުން އެޓީމަށް ދެން އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިވަނީ ދެވަނަ ހާފުގައެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ފްރެޑް ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް ހުރަސްއެޅީ ވެސްޓްހަމްގެ ގޯލް ކީޕަރު އަލްފޮންސޯ އަރިއޯލާއެވެ.
އެއާ ހިލާފަށް ވެސްޓްހަމް އިންވަނީ ނުރައްކާތެރި ދެހަމަލާއެއް އުފައްދާފައެވެ. އެގޮތުން ޖެރޮޑް ބޮވެން ފޮނުވާލި ހަމަލާއެއް ގޯލުގެ ބޭރު ދާގަނޑަށް އަމާޒުވިއިރު ތޯމަސް ސޫޗެކް ބޮލުން ފޮނުވާލި ހަމަލާއެއް ދިއައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުން ޔުނައިޓެޑް މޮޅުވެފައިވާއިރު މިއީ އެޓީމުގެ ވަގުތީ ކޯޗް، ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ޖެހިޖެހިގެން ކުޅުނު ދެމެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ވަގުތީގޮތުން ކުރިއަށް ޖެހިލާފައެވެ. މިހާތަނަށް ކުޅުނު 22 މެޗުން ޔުނައިޓެޑަށް 38 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަ ލިބޭއިރު، މެޗުން ބަލިވި ވެސްޓްހަމް އޮތީ އެއްމެޗު އިތުރަށްކުޅެ ޔުނައިޓެޑުގެ ފަހަތުން 5 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ