ގިނަ އަދަދެއްގެ ފައިސާ ވަގަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެމީހަކު ހޯދަނީ

ވެރިފަރާތަށް ނޭނގި އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައިގައި ދެމީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ދެމީހުން ހިމެނޭ ސީސީޓީވީ ފުޓޭޖެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އާންމު ކޮށްފައެވެ. ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހަޅާ، ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ. އެމީހުން ހޯދަމުން ދަނީ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެމީހުން ޓްރާންސްފާ ކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެހެންކަމުން މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭ ކަން ފާހަގަކޮށް ފުލުހުން ވަނީ އާންމުންނަށް ޝުކުރު ވެސް އަދާ ކޮށްފައެވެ.
މި ފަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތަކާއި، ވެރި ފަރާތަށް ނޭނގި އެކައުންޓުގައި ހުންނަ ފައިސާ ނަގާ މައްސަލައާއި، ބޭންކް ކާޑްތައް ބޭނުން ކޮށްގެން ވެސް މީހުންގެ އެކައުންޓުގައި ހުންނަ ފައިސާ ނަގާ މައްސަލަތަކާއި ކާޑު ފޭރިގަނެ އެކައުންޓްގައި ހުންނަ ފައިސާ ނަގާ މައްސަލަ އަންނަނީ ފެންނަމުންނެވެ. މިފަދަ ކުށްކުރުން ހުއްޓުވުމަށް ކާޑާއި ބޭންކް އެކައުންޓްގެ މައުލޫމާތު މީސް މީހުންނަށް ނުދީ ހުއްޓުވި ދާނެއެވެ. ހަމައެއާއެކު ފޯނުން އިންޓަނެޓް ބޭންކިން އެޕލްިކޭޝަން ބޭނުން ކުރާ ނަމަ ފޯނު ވެސް އިތުބާރު ނުހިފޭ މީސް މީހުންނަށް ދިނުން ހުއްޓުވި ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ