ވެރިކަން ކުރާ ރަށުގެ ކޯޓަށް، ދާއިރާގެ އިސްމެޖިސްޓްރޭޓް، ބަދަލުވުން ލާޒިމް ނުވާގޮތަށް ހަދަނީ

އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ކޯޓަށް ބަދަލުވާން، ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަށް ލާޒިމު ނުވާގޮތަށް މެޖިސްޓްރޭޓުންގެ އޮނިގަނޑަށް ބަދަލުގެންނަން ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސީ)އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ޖޭއެސީން ނެރުއްވި ބަޔާނެގައި ވިދާޅުވީ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު އަދާކުރައްވާ މެޖިސްޓްރޭޓަކީ މެޖިސްޓްރޭޓް ޢައްޔަންކޮށްފައިވާ ކޯޓުގައި ހުންނަވައިގެން އެމަސްޢޫލިއްޔަތު އަދާކުރެއްވުމުގެ ފުރުޞަތު އޮންނާނެ ބައެއްކަމާއި، އެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ދާއިރާގެ ވެރިކަން ކުރާ ރަށު ކޯޓަށް ބަދަލުވެވަޑައިގަންނަވަން ލާޒިމް ނުވާނެގޮތަށް މެޖިސްޓްރޭޓުންގެ އޮނިގަނޑު ބަދަލުކުރަން ނިންމަވާފައިވާކަމަށެވެ.
މިގޮތަށް ނިންމަވާފައިވަނީ ދާއިރާ އިސްމެޖިސްޓްރޭޓްގެ މަޤާމަށް މެޖިސްޓްރޭޓުން ކުރިމަތިލެއްވުމުގައި މެޖިސްޓްރޭޓުން ދިރިއުޅުއްވަމުން ގެންދަވާ ރަށް ބަދަލުކުރެއްވުމަށް ލާޒިމްވާގޮތަށް އޮންނާތީ ދާއިރާގައި ތިބޭ ހުރިހާ މެޖިސްޓްރޭޓުންނަށް އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ބޭނުންކުރަން ދަތިތަކަކާ ކުރިމަތިވާތީއެވެ. އަދި އެ ފުރުޞަތު ބޭނުން ކުރައްވަން ހަމަހަމަކަމާއެކު އެ ދާއިރާއެއްގެ ހުރިހާ މެޖިސްޓްރޭޓުންނަށް ފަހި ކޮށްދިނުމުގެ ގޮތުންކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
މީގެ އިތުރުން ޖޭއެސްސީން ވަނީ މިހާރު ދާއިމީ ދާއިރާ އިސްމެޖިސްޓްރޭޓުން ނެތް ދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް އިޢުލާން ކުރުމަށްވެސް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ