ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހދ އަތޮޅަށް ކުރާ ދަތުރު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލު ކުރަމުންދާ މެޑިކަލް ޑިގްރީ ކޯހުގެ ފުރަތަމަ ބެޗްގެ 22 ދަރިވަރުން ހދ. ކުޅުދުއްފުށީގައި އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މިނޮވެމްބަރ މަހުގެ 17 އިން ޑިސެމްބަރ މަހުގެ 11 އަށް ކޮމިއުނިޓީ ޕޯސްޓިންގ ފުރިހަމަކުރާން ހަމަޖެހި އެދަތުރު ފަށައިފި އެވެ.
ސްކޫލް އޮފް މެޑިސިންއިން ހިންގާ މެޑިކަލް ޑިގްރީ ކޯހަކީ ފަސް އަހަރުދުވަހުގެ ކޯހެކެވެ. މި ކޯހުގެ ބައިތައް ފުރިހަމަ ކުރުމަށްޓަކައި ހޮސްޕިޓަލްތަކުގެ އިތުރުން މުޖުތަމައުގައި ވެސް އަމަލީ ތަޖުރިބާ ހޯދަން ޖެހެއެވެ.
ދަރިވަރުންގެ މި ދަތުރަކީ ސްކޫލް އޮފް މެޑިސިންގެ މެޑިކަލް ޑިގްރީ ކޯހުގެ ތިންވަނަ އަހަރުގައި ކިޔަވައިދޭ މެޑިސިން އެންޑް ސޮސައިޓީ މޮޑިއުލްގެ ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ ދަތުރެކެވެ. މި ދަތުރުގައި ހދ. ކުޅުދުފުއްޓާއި އަދި އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް އަތޮޅުތެރޭގެ ސިއްހީ ހިދުމަތުގެ މަސައްކަތް ކުރިއަށް ދާގޮތް ބަލައި އަމަލީގޮތުން ތަޖުރިބާ ހާސިލު ކުރާނެ އެވެ.
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހދ އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހދ އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ
އެގޮތުން ދަރިވަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތް ހިގާގޮތް ބަލައި ތަމްރީނު ހޯދުމާއި، އާއްމު ސިއްހަތާ ގުޅުން ހުރި މަސައްކަތްތައް ހިގާގޮތް ބަލައި އަމަލީގޮތުން ތަޖުރިބާ ހޯދުން ހިމެނެ އެވެ. އަދި ހޯމް ވިސިޓް ކުރުމާއި، މާބަނޑު މީހުންގެ ކްލިނިކް މަސައްކަތް ބެލުމާއި، ޕަބްލިކް ހެލްތް ޔުނިޓްގެ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ބެލުމާއި، ރާއްޖެތެރޭގައި ޕްރައިމަރީ ހެލްތް ކެއަރގެ މަސައްކަތްތައް ހިގާގޮތް ބެލުމާއި، ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށްނާރާ ބަލިތަކުގެ ކްލިނިކްގެ މަސައްކަތްތައް ބަލައި ތަޖުރިބާ ހާސިލް ކުރުމާއި، ވެކްސިން ޕްރޮގްރާމްގެ މަސައްކަތްތައް ބެލުމާއި، ކަނޑައެޅިފައިވާ ސަރަހައްދެއްގެ އާއްމު ސިއްޙަތުގެ ހާލަތު ދެނެގަތުމަށް ކޮމިއުނިޓީ ސާރވޭއެއް ހެދުމަށް މަޢުލޫމާތު ހޯދުން ހިމެނެ އެވެ.
ދަރިވަރުންގެ މިދަތުރުގެ މައިގަނޑު މަސައްކަތަކީ އަތޮޅުތެރޭގެ ސިއްހީ ހާލަތު ދެނެގަތުމާއި، އަތޮޅުތެރޭގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ މަސައްކަތްތައް ދެނެގަތުމެވެ. މިއީ މިދަރިވަރުންނަކީ މުސްތަޤުބަލުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކުންނާނެ ޤާބިލް ޑޮކްޓަރުންނަށް ހެދުމަށް ދެވޭ ތަމްރީނުތަކުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ