ވިޔަފާރިވެރިންގެ އަޑު އަހައި، ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު

ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކޮށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި މުދާ އުފުލުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މިނިސްޓަރު ސައީދު އިއްޔެ ވަނީ ވިޔަފާރިވެރިންނާ މަޝްވާރާ ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފަ އެވެ.
މިނިސްޓަރު ސައީދު، ވިޔަފާރިވެރިންނާ އިއްޔެ ބައްދަލު ކުރައްވަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އަންނަ އާދިއްތަ އިން ފެށިގެން، ލޮރީތަކުގަ އާއި ޕިކަޕްތަކުގައި ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ ބޯ ފެނާއި އެހެނިހެން ބުއިންތަކާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި އެ ނޫން ވެސް ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.
Mudhaa ufulan genai badhalah amalu kurun fas koffi
Mihaaru
އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލަކީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންގެ ރައްކާތެރިކަމަށާއި ލުއި ފަސޭހަ ކަމަށް ބެލުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުތައް އިތުރުވެ، އިގްތިސާދީ ގޮތުން "ހަރަކާތްތައް" އިތުރުވެފައިވާތީ މި ބަދަލު ގެނައުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކަންކަމަށް އަންނަ ބަދަލުގެ ތެރެއިން ބޭރު ގައުމުތަކުގެ ސިޓީތައް ބިޒީ ވެއްޖެނަމަ، މިކަހަލަ ބަދަލުތައް އެ ގައުމުތަކުން ވެސް ގެނެސްފައި ވަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޓްރާންސްޕޯޓުން ގެނައި ބަދަލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރާ ގޮތަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް އަދި ނާންނަ ކަމަށެވެ. އެކަމަކު، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަ، އެކަން ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކުގެ މާ ބޮޑު ތަފްސީލެއް ސައީދު ނުދެއްވަ އެވެ.
"އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން، އެމީހުން ވެސް ރުހޭ ގޮތަކަށް ކުރިއަށް ގެންދާނީ. ވަރަށް ބޮޑު ބަދަލެއް މިއައީ. މި ބަދަލު އަޅުގަނޑުމެން ބަލަމުން ދާނަން،" ސައީދު ވިދާޅުވި އެވެ.
"އެކަމަކު، މިއީ އެއްގޮތަކަށް ވެސް މިކަން އޮތް ގޮތޭ ބުނެފައި ނިންމާލަނީކީ ނޫން،"
ބައެއް ވިޔަފާރިވެރިން، އެމީހުންގެ ޝަކުވާތައް މިނިސްޓަރު ސައީދާ ވާހަކަ ދައްކަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ސައީދު ވިދާޅުވީ ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ކުރިން ނަމަ، ހުޅުމާލޭގެ ބޮންޑެޑް ވެއާހައުސް ބަންދު ކުރަނީ އިރުއޮއްސި 6 ޖަހާއިރެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ގެނައި ބަދަލަކީ ވެސް ވިޔަފާރިވެރިންގެ އެދުމުގެ މަތިން ގެނައި ބަދަލެކެވެ.
މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ މުދާ ހޯސޭލްކޮށް ސަޕްލައިކުރާ ފިހާރަތަކާއި ފެން ވިއްކާ ކުންފުނިތަކުންނެވެ. ބައެއް ވިޔަފާރިވެރިން ބުނީ މިހާރު ހަމަޖައްސާފައިވާ ގަޑިތަކުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ދަައްޗަކަށް ވާނެ ކަމަށެވެ.
ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ދަންވަރު ގަޑީގައި ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި ދަންވަރު ފިހާރަތައް ހުޅުވައިގެން މަސައްކަތްކުރަން ޖެހިއްޖެ ނަމަ ތަކެތީގެ އަގު ވެސް އުފުލޭނެ ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.
REPORT: Male' ge traffic massala hallukuran minoon gotheh netheetha?
Mihaaru
ޓްރާންސްޕޯޓްގެ އާ އުސޫލުގެ ސަބަބުން ބައެއް މީހުންގެ ނަޒަރުގައި މިއީ، މުހިންމު އަދި ލަސްވެއްޖެ ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ސަބަބުން މާލެ ތޮއްޖެހުމުގެ މައްސަލަ އަށް ނިމުމެއް އައީ ކަމަށް އެމީހުން ގަބޫލުކުރެ އެވެ. އެކަމަކު، އަނެއް ބައި މީހުންގެ ނަޒަރުގައި ވެހިކަލްތައް އެތެރެކުރުން ކޮންޓްރޯލް ނުކުރަނީސް، މާލޭގައި ދިމާވެފައި އޮތް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ