މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ މަޝްވަރާއަށްފަހު - ހީނާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ކަނޑައަޅާނެ ފަރާތެއް ނިންމާނީ ޕާޓީ ލެވެލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އޭޕްރިލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ޕާޓީ ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލިސް ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ފަރާތަކަށް ތާއީދު ކުރައްވާތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސްޕޯކްސްޕާސަން ހީނާ ވިދާޅުވީ އެކަމަކީ ސަރުކާރަށްވުރެއް ބޮޑަށް ޕާޓީ ލެވެލްގައި މަޝްވަރާ ކުރެވޭނެ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށްދާނީ ޕާޓީގެ މަޝްވަރާއަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޝައުގުވެރިވާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރުކަމަށް ހޮވުނު މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމްގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުވެސް ޝައުގުވެރިވާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.
20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ ލިބިފަ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު، އޭގެތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 73 އަށް އަރާފައެވެ. މި އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ