ސްޕޯޓްސް ކޮމިޝަނަރަކަށް އަލީ އުމަރު ހަމަޖައްސައިފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަލީ އުމަރު ހަމަޖައްސައިފި އެވެ.
އަހުމަދު ނަޝީދު (ޑޭވް) އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް އަލީ އުމަރު ހަމަޖައްސާފައިވަނީ މިއަދެވެ. ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަކީ 2015 ވަނަ އަހަރު ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހެ އެވެ.
ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވީއްސުރެ މިހާތަނަށް ވެސް ފެންނަނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ ލީގު ރީބްރޭންޑްކޮށް ކްލަބްތަކަށްދޭ މާލީ އެހީތެރިކަން އެތައް ގުނައަކަށް އިތުރުކޮށް އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައި ގިނަ ރަށްތަކެއްގެ ދަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިންއިރު އަލީ އުމަރު އެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
އޭގެ ފަހުން އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާކުރެއްވި އެވެ. ހިޔާލުތަފާތުވުންތަކެއް އުފެދި އެ މަގާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް މިދިޔަ އަހަރު އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ވެސް މެމްބަރު އަލީ އުމަރަކީ އެ ޖަމިއްޔާ އިން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރެއްވި ކުޅުންތެރިޔެކެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އައްޔަ ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯއްދެވީ މާލޭގައި 2000 ޗަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުގަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފަށްޓަވައި ފުޓްބޯޅަ ދަނޑުގައި ތަރިއެއްގެ ގޮތުގައި ވިދާލި އަލީ އުމަރު ވަނީ އައިއެފްސީގެ އިތުރުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅުއްވައިފަ އެވެ. މީގެ ތެރެއިން ނިއު އަށް ކެޕްޓަނެއްގެ ހައިސިއްޔަތުން 2006 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދެއްވި އެވެ. އަދި އެ ކްލަބުން 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު މޮޅު ކުޅުމެއް ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ