ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖެހޭނެ މީހަކު ނުުހުންނާނެ: މެންބަރުން

ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރެއްވުމަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި އެބޭފުޅުންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިފިނަމަ އެ ފަރާތަކާއި ދެކޮޅަށް ގާނޫނީ ބާރުގެ ބޭނުންކުރައްވާނެ ކަމަށް މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ބުނަމުންދިޔަ މެންބަރުން މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުން ދިޔަ 12 މެންބަރުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާ ގުޅިގެން އެބޭފުޅުންގެ ގޮނޑިތަކާ މެދު އުފައްދަމުން ދިޔަ ސުވާލުތަކަށް ސާފު ޖަވާބެއް ލިބި އެބޭފުޅުންނަކީ މަޖިލީހުގެ މެންބަރުން ކަން މިހާރު ހުރިހާ ފަރާތްތަކަކަށް ވެސް ސާފުވާނެ ކަމަަށެވެ.
މެންބަރުން ވިދާޅުވީ ވޭތުވެދިޔަ ހައެއްކަ މަސް ދުވަހު އެބޭފުޅުންނަށް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވޭ ގޮތް ނުވުމުން އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، އެތަައް އާއިލާ އަކަށް ނިކަމެތިކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު މަޖިލިސް ހުޅުވުމާއެކު އެބޭފުޅުން ތަމްސީލް ކުރައްވަމުން ގެންދެވި ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި އާ ހިތްވަރާއެކު ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންވެސް މެންބަރުން ވަނީ ދެއްވާފަ އެވެ.
މެންބަރުން ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ވަދެވަޑަައިގަތުމަށް ހުރަސްއެޅުއްވުމުގެ އިތުރަށް ބައެއް ބޭފުޅުންގެ މައްޗަށް ނުހައްގުން ދައުވާކޮށް ޖަލަށްލީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ ގާނޫނީ ޒިންމާއަށް ހުރަސްއެޅުއްވީތީ ރައީސް ޔާމީނާއި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަަކަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
މެންބަރުން ވިދާޅުވީ އެބޭފުޅުން މަޖިލީހަށް ވަޑައިގަތުމާއެކު މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ޕާޓީ ތަކަށް ލިބޭނެ ކަމަށެވެ. އެއާއެކު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި "ގަދަކަމުން އިންނެވި" އަަބްދުﷲ މަސީހާއި، ގާނޫނާ ހިލާފަށް އަމަލުކުރެއްވި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން މަގާމުތަކުން ވަކިކޮށް ރައްޔިތުންނަށް ހަމަޖެހުމާ ރައްކާތެރިކަން ހޯދައިދޭނެ ކަމަށެވެ.
މެންބަރުން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމަށް ގޮންޖެހޭނެ އެއްވެސް ބޭފުޅަކު އަދި އެއްވެސް މުއައްސަސާއެއް ދިވެހި ދައުލަތުގެ ދަށުގައި ނުހުންނާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖެހުމުގެ ބަދަލުގައި އެ ހުކުމްގައިވާ ކަންކަން ވީހާވެސް އަވަހަށް ތަންފީޒުކޮށްދިނުމަށްވެސް މެންބަރުން ވަނީ އެދިވަޑައިގެންފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ