ފޭދޫ ރައްޔިތުން އަތްޖަހަނީ، މި ރައީސް ވަޢުދު ފުއްދަވައިދެއްވާތީ!

ފޭދޫ ރައްޔިތުންނަށް ބިމުގެ ދަތިކަން ކުރިމަތިވީ 2013 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުގެ ފަހުންނެއް ނޫނެވެ. އެރަށުގެ ރައްޔިތުންނަށް ނަރުދަމާއެއް ބޭނުންވެގެން އެ ޝަކުވާތައް ކުރަން ފެށީ ވެސް އެ ތާރީޚުގެ ފަހުންނެއް ނޫނެވެ.
ނަރުދަމާ އާއި ސާފު ބޯފެން އަދި ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ފޭދޫ ރައްޔިތުން އާދޭސް ކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. ތަފާތު ތިން ރައީސެއް މިގައުމުގައި ވެރިކަން ކޮށްފައި ދިޔައިރުވެސް ފޭދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ. އަދި ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަމެއް ވެސް ފޭދޫ ރައްޔިތުންނަށް ދެއްވާފައެއް ނުވެއެވެ.
މިއަދު ފޭދޫ ދާއިރާގެ މެންބަރު ކަން ކުރައްވާ އިބްރާހިމްދީދީ (އައިބީ)ގެ “ޓީނޭޖް” ދުވަސްވަރު ވެސް ފޭދޫ ރައްޔިތުން ގެންދިޔައީ، ނަރުދަމާ އާއި ބިމުގެ ދަތިކަމުގެ ވާހަކަ ދައްކަމުންނެވެ. އެ ޝަކުވާތައް ނުއުފުލާ ވެރިއެއް މި ޤައުމުގެ ވެރިކަން ނުކުރެއެވެ. މައުމޫނުގެ ވެރިކަމުގައި މަޖިލިސް މެންބަރެއްގެ ޙައިސިއްޔަތެއް ނެތް ނަމަވެސް ފޭދޫ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތަކުގެ ވާހަކަ އައިބީ މައުމޫނުގެ އަރިހަށް ވެސް ގެންދެވިއެވެ.
ނަޝީދާއި ޑރ. ވަޙީދުގެ ސަރުކާރުގައި ވެސް އެ ޝަކުވާތައް ކުރެއްވިއެވެ. އެ ސަރުކާރުތަކުން އެ ޝަކުވާތަކަށް ދެއްވީ ބީރު ކަންފަތެކެވެ.
ފޭދޫގައި މިއަދު ތިއްބެވި ދޮށީ އުމުރުގެ ރައްޔިތުން އެމީހުންގެ ޒުވާން އުމުރުން ފަށައިގެން ކުރަމުން ގެންދިޔަ ޝަކުވާތަކުގެ އަޑު އައްސަވައި އެމީހުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވަން ފެއްޓެވި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީނެވެ. ނަރުދަމާ އާއި ސާފު ބޯފެނުގެ ޚިދުމަތަކީ ހަމައެކަނި ގްރޭޓަރ މާލެއަށް އޮތް ކަމެއް ނޫންކަން ޤަބޫލުކުރެއްވި ވެރިޔަކީ ރައީސް ޔާމީނެވެ.
އެހެން ސަރުކާރުތަކުގައި އިންތިޚާބާއި ދިމާކޮށް ކަޑަޖަހައި އޮޅުވާލަމުން ގެންދިޔަ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގައި ފޭދޫގެ ރައްޔިތުންނަށް ހުރިހާ ކަމެއް ވެސް ޔަޤީން ކޮށް ދެއްވަނީއެވެ. ނަރުދަމާގެ މަސައްކަތް ވެސް ފަށައިފިއެވެ. މަގުތަކެއް ރަގަޅު ފެންވަރުގައި ހެދިއްޖެއެވެ. ޒުވާނުންގެ މަރުކަޒެއްގެ ބިންގާ އެޅިއްޖެއެވެ. ފޭދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް އެއޮތް ނިމެނީއެވެ.
ފޭދޫ އަކީ ދަތުރުފަތުރުގެ ހަބެއްގެ ގޮތުގައި ހަދައި އައްޑޫގެ  އަވަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ވަރަށް ފުރިހަމައަށް ގުޅާލެވިއްޖެއެވެ. އަދި ހަމަ އެހެންމެ ފޭދޫގެ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފިއެވެ.
ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމުގެ ޝަކުވާ ފޭދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު 2014 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ އެރަށަށް ވަޑައިގަތުމުން ކުރިއެވެ. އެދުވަހު އެމަނިކުފާނު އެރަށުގެ ބިން ހިއްކަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެ ވަޢުދު އެމަނިކުފާނު ފުއްދަވައި ދެއްވައިފިއެވެ. މިއަދު ފޭދޫގެ ވަށައިގެން އެއޮތީ ބިން ހިއްކާފައެވެ. އިސާހިތަކު ފްލެޓްތައް އަޅައި ގެދޮރުވެރިކަން ޔަޤީން ވެގެން ދާނެ ކަމާއި މެދު ފޭދޫގެ ރައްޔިތުން މިއަދު ޝައްކެއް ނުކުރެއެވެ.
ފޭދޫގެ ރައްޔިތުން ނިކުމެ އެއް އަޑަކުން ރައީސް ޔާމީނަށް ޝުކުރު އަދާކޮށް ބާރަށް އަތްޖަހަމުން ދަނީ، އެމީހުން އެމަނިކުފާނުގެ ޒަޢާމަތުގައި ގެނެސްދެއްވާ ތަރައްޤީ ބަލައިގަންނާތީއެވެ. ކަޑަ ނުޖަހައި ވައުދުތައް ފުއްދަވައި ދެއްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ