ސުޕްރީމް ކޯޓުގެ އަމުރަކަށް އަމަލު ނުކުރާނަމޭ ބުނުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކަށް އަމަލު ނުކުރާނެމޭ ބުނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެހެން ބުނުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށާއި އެކަމަކު ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސުޕްރީމް ކޯޓުން ކުރަން އުޅޭ ޙުކުމަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް މިއަދު ވަނީ އަންގަވާފައެވެ.
ބަންޑާރަނައިބު ވިދާޅުވީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރަށް ލަފާއެރުވުމަކީ ބަންޑާރަނައިބުގެ މަސްޢޫލިއްޔަތެއްކަމަށާއި، ޣައިރުޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމަށް ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ދައުލަތުގެ ބަންޑާރަނައިބުގެ ހައިސިއްޔަތުން ލަފާ އަރުވާކަމަށެވެ.
މިއެންގުމާއި ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ފުލުހުންގެ އިދާރާ ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލު ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވަނީ، ފުލުހުންނާއި ސިފައިން ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންނާއި ސިފައިން ވިދާޅުވީ، އެ މުވައްސަސާތަކުން މަސައްކަތް ކުރައްވާނީ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާ ގޮތެއްގެ މަތިން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް އަމަލު ނުކުރާނަމޭ ބުނުމަކީ ގާނޫނީ ކުށެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ