ފަރުވާ ދިނުމަށް ފަހު މައުމޫން ދޫނިދޫއަށް ގެންގޮސްފި

އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އަނެއްކާވެސް ދޫނިދޫ އަށް ގެންގޮސްފިއެވެ.
ރައީސް މައުމޫން އޭޑީކޭ އަށް މިއަދު ގެނައީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު އީއެންޓީ ޑޮކްޓަރަކަށް ދެއްކެވިކަން ވަނީ ކަށަވަރު ވެފައެވެ. ރައީސް މައުމޫނަށް ދެއްވި ފަރުވާގެ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.
ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލަން ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އާލާސްކަންފުޅާއި އުޅުއްވާކަމަށް ވިދާޅުވެ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އާއިލާއިންނާއި ޤާނޫނީ ވަކީލުން ދަނީ އެދެމުންނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިދިޔަ ހަފްތާގައި އެމަނިކުފާނު އެއްވެސް ޝަރީޢަތަކަށް ހާޒިރެއް ނުކުރެއެވެ.
ޑޮކްޓަރުން ވަނީ، ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ކުއްލިއަކަށް ވެއްޓިދާނެ ފަދަ ސިއްހީ ހާލަތެކެވެ. އެމަނިކުފާނާއި އެކު އަބަދުވެސް މީހަކު ބަހައްޓަން މީގެ ކުރިން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ