ދުނިޔޭގެ 5 ވަނައަށް އެންމެބޮޑު އިގްތިސާދުގެ މަގާމަށް 2018 ވަނަ އަހަރު އިންޑިއާ އަރާނެ: ރިޕޯޓް

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު މިފެށޭ 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ، ދުނިޔޭގެ 5 ވަނައަށް އެންމެބޮޑު އިގްތިސާދުގެ މަގާމަށް އަރާނެކަމަށް ދުނިޔޭގެ މާލީ ރިޕޯޓެއް ބުނެފިއެވެ.
އިންޑިއާ މިވަގުތު އޮތީ ދުނިޔޭގެ 7 ވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައެވެ.
އެހެންނަމަވެސް، އިނގިރޭސިވިލާތުގައި ގާއިމްކުރެވިފައިވާ ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާރޗްއިން އަލަށް އާންމުކުރި އިގްތިސާދީ އަހަރީ ރޭންކްގައި ބުނެފައިވަނީ، ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ރޭންކަށް އިންޑިއާ 2018 ވަނަ އަހަރު އަރާނެ ކަމަށާއި، ހަމައެއާއެކު 2032 ވަނަ އަހަރު އިންޑިއާއަކީ ތިންވަނައަށް ދުނިޔޭގެ އެންމެބޮޑު އިގްތިސާދަށް ވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
މިހިނގާ 2016 ވަނަ އަހަރުގެ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އަރާފައިވާ ކަމަށާއި، އެގޮތަށް ދިމާވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ފައިސާގެ ބޮޑެތި ނޫޓުތައް ކުއްލިގޮތަކަށް އުވާލެއްވުމާއި، އަދި ޓެކްސް ނިޒާމު އޯވަހޯލް ކުރެއްވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން މާލީ އަހަރުގެ ކުރިއެރުން ފުރަތަމަ ތިންމަސްދުވަހު 5.7 އިންސައްތަ ދަށަށް ވެއްޓުނު ނަމަވެސް، ސެޕްޓެމްބަރުމަސް އައިއިރު 6.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
"މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އިންޑިއާގެ އިގްތިސާދު މިހާރުވެސް ދަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އެއްހަމައެއްގައި ހިފަހައްޓަމުން. އަދި 2018 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު ކުރިއަރައި އެދެ ގައުމުވެސް ފަހަނައަޅައި ދުނިޔޭގެ 5 ވަނައަށް އެންމެބޮޑު އިގްތިސާދުގެ މަގާމަށް އަރާނެ، ޑޮލަރުން ބަލާއިރު" ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާރޗްގެ ޑެޕިއުޓީ ޗެއަރމަން ޑަގްލަސް މެކްވިލިއަމް ވިދާޅުވިއެވެ.
އަގުހެޔޮ ހަކަތައާއި، ޑިޖިޓަލް އިންގިލާބުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުވެސް ކުރިއަރައިގެންދާނެ ކަމަށާއި، އެހެން ނަމަވެސް، މިކުރިއެރުންތައް ޑޮމިނޭޓް ކުރާނީ އޭޝިޔާއިން ކަމަށްވެސް ސީ.އީ.ބީ.އާރްއިން ބުނެފައި ވެއެވެ. އެގޮތުންވެސް ދުނިޔޭގެ އިގްތިސާދު ޑޮމިނޭޓް ކުރާނީ އިންޑިއާއާއި، ޗައިނާއާއި ޖަޕާނުން ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ދުނިޔޭގެ އެންމެބޮޑު އިގްތިސާދުގެ ގޮތުގައި މިހާރު އެމެރިކާ އޮތްނަމަވެސް، 2030 ވަނަ އަހަރު އެ މަގާމު ޗައިނާއިން އަތުލާނެ ކަމަށްވެސް ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާރޗްގެ ރިޕޯޓްގައި އަންދާޒާ ކޮށްފައި ވެއެވެ.
ހަމަ އެއާއެކު މިގަރުނުގެ ފަހު ބައިގައި ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެބޮޑު އިގްތިސާދުގެ މަގާމު އިންޑިއާ އަރާނެ ކަމަށްވެސް ރިޕޯޓްގައި އަންދާޒާކޮށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ