ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތިނަދޫ އުތުުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ސައުދުﷲގެ އުފަން ރަށް ތިނަދޫގައި ގުޅިފައިވާ ޕާޓީ ތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބު ކޮށްދިނީ ތިނަދޫ ރައްޔިތުން ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އޭނާއަށް 1024 ވޯޓް ލިބިވަޑައިގެންނެވި ކަން ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވީ އޭރު ވޯޓް ދިން މީހުންގެ ތެރެއިން 600 މީހުން އޭނާ މަޖިލިސް މެންބަރު ކަމުގައި ހުންނަވަން ނޭދޭ ނަމަ އޭނާ އެމަގާމުން އިސްތިއުފާ ދެއްވާނެ ކަަމަށެވެ. މިނޫން ގޮތަކަށް މެންބަރެއްގެ ހައިސިއްޔަތުން ވަކިވާނަމަ ވަކިކުރެވޭނީ އޭނާއަކީ މަޖިލިސް މެންބަރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ކަމަށްވެސް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން އެފަދަ ހުކުމެއް އިއްވަން ދެން މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސައުދުﷲ ވަނީ ދެއްވާފަ އެވެ.
ސައުދުﷲ ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ބުނެފައިވާ ކަމަށާއި އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ބަޔާންކޮށް ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމެއްވެސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއްގެ ތެރެއިން އޭނާގެ ގޮނޑި ގެއްލިފައި ނުވާ ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެޝަންސް ކޮމިޝަނުން އޭނާ އަށް އެންގުމުގެ ބަދަލުގައި އެހެން ފަރާތްތަކަކަށް އަންގަމުންދާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަން ޔަގީންކޮށްދިނުމަށް އެދިވަޑައިގެން އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިހާތަނަށް ފޮނުއްވި ސިޓީތަކަށް އެކަށީގެންވާ ޖަވާބެއް ވެސް ދީފައި ނުވާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އޭނާ އިށީންނަވާ މޭޒުކޮޅުގައިވާ ނަންފިލާގަނޑު ނެގުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައިވާ މެންބަރުންގެ ލިސްޓުން އޭނާގެ ނަން މިހާރު އުނިކޮށްފައިވާ ކަމަށެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ މަޖިލީހުގައި ހިތާ ދެކޮޅަށްވެސް ސަރުކާރުން ގެނައި ބައެއް ބިލްތަކަށް ވޯޓް ދީފައިވާނެ ކަމަށެވެ. އެގޮތަށް އަމަލުކުރީ ތިނަދޫ ރައްޔިތުންނަށް ތަރައްގީ ގެނެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ތިނަދޫ އަކީ އަބަދުވެސް ހައްގު ބަސް ބުނާނެ ރައްޔިތަކު ދިރިއުޅޭ ސަރުކާރެއް ކަން ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވީ ކޮންމެ ސަރުކާރަކުން ގޯސްކޮށް ކަމެއް ކުރި ނަމަވެސް އިންސާފު ހޯދުމަށް ތިނަދޫ ރައްޔިތުން ނިކުމެފައިވާ ކަމަށެވެ. އެމަސައްކަތުގައި ކުރިއަށް ދުވަސްތަކުގައި ވެސް ތިނަދޫ ރައްޔިތުން ސާބިތުވެ ތިއްބަވާނެ ކަމަށްވެސް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މެންބަރުކަމުގައި ސާބިތުވެ ހުންނާނަން: ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ