ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އުއްތަމަ ފަނޑިޔާރު އަހްމަދު
ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
ބެންޗުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީން މިއަދު ފާސްކޮށްފިއެވެ.
އެދެ ފަޑިޔާރުން ވަކިކުރުމަށް ފާސްވީ، އެކަމަށްޓަކައި މިއަދުގެ ޖަލްސާގައި ނެގި
ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ނުފެންނަކަމަށް 21 މެމްބަރަކު ވޯޓުދެއްވާފައިވެއެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން
ފަޑިޔާރަކު ވަކިކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި
ބައިވެރިވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަޑިޔާރުންކަމަށްވާ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު
ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ފަނޑިޔާރުންގެ ބެންޗުން
ވަކިކުރުމަށް ޖަލްސާގަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް
ފޮނުއްވާފައިވާ ސިޓީ މިއަދުގެ ޖަލްސާއަށްވަނީ އިއްވާފައެވެ. މިސިޓީގައި ބުނެފައިވަނީ
އެދެ ފަނޑިޔާރުން، ފަޑިޔާރުކަމުގައި ތިބުމަށް ގާބިލް ނޫންކަމަށެވެ. ޖަލްސާ
ފެށުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަން
ކުރަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.
މިމައްސަލައިގެ ކަނޑައަޅާފައި ވަނީ އެއް
ގަޑިއިރު ކަޑައަޅާފައިޥާއިރު، އެމައްސަލައަށް
ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ، ފަނޑިޔާރުން
ވަކިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ގާނޫނު
އަސާސީއާ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާރު ވަކިކުރަން ނިންމާފައިވާ
ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތުދޭންޖެހޭކަމަށް ވިދާޅުވިއެވެ. އަދި
އަށާރަވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެން މިދަނީ ޤާނޫނު އަސާސީއާއި ޚިލާފަށް
ނިންމުންތަކެއް ނިމްމާތަންކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މެމްބަރުން
ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު
މަސައްކަތެއް ނޫންކަމަށެވެ. ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމަކީ އިސްލާމް
ދީނުގެ އަސާސްތަކާއި ޚިލާފު ނުވާގޮތުގެ މަތިން މަޖިލީހަށް ލިބޭ ބާރެއްކަމަށެވެ.
އެހެންކަމުން އެއީ ގާނޫނު އަސާސީއާއި ޚިލާފްކަމެއް ނޫންކަމަށާއި އަދުލު އިންސާފުގެ
ދާއިރާ ހަރުދަނާ ކުރަންޖެހޭ ކަމަށް އެންމެން ގަބޫލުކުރާކަމަށްވެސް އެމްމްބަރުން
ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ
ޖަލްސާއަށް ބައެއް މެމްބަރުން ވަޑައިގަނަނަވަނިކޮށް ވަނީ އެމެމްބަރުންގެ ގަޔަށް
ކަޅު ތެޔޮ ޖަހާފައިކަމަށް މެމްބަރުން ވިދާޅުވިއެވެ. އެގޮތުން ކަޅު ތެޔޮ
ޖަހާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ
ގައިކޮޅަށާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ގައިކޮޅަށެވެ. މިކަމާއި
ގުޅިގެން ބައެއް މެމްބަރުން ނެންގެވި ނިޒާމީ ނުކުތާއާއި ގުޅިގެން މަޖިލީހުގެ
ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު
ވިދާޅުވީ، އެހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި، ދިން ހަމަލައާ
ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އިދާރީ ގޮތުން އަޅަމުން ދާކަމަށެވެ.
މެމްބަރުންނަށް ސެކިއުރިޓީ ނުދޭކަމަށް ބައެއް މެމްބަރުން ވިދާޅުވުމާއި ގުޅިގެން
މަސީހު ވިދާޅުވީ، ދޭއް ޑިސެމްބަރުން
ފެށިގެން ސެކިއުރިޓީއަށް އެދި ލެއްވި ކޮންމެ މެމްބަރަކަށް އެމްއެންޑީއެފުން ސެކިއުރިޓީ
ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން
ވަކިކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ބުދަ
ދުވަހުގެ ޖަލްސާގައި އެގޮތަށް ފާސްކުރުމާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ