މިއަދު ކުރާ އެއްވެސް ކަމަކުން އަންނަން އޮތް ޖީލުތަކުގެ ހައްގަށް އުނިކަން ލިބިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ވެސް ރައީސްކަން ކުރައްވާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
މިއަދު އަޅުގަނޑުމެން ކުރާ ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިންނެވެ.— Maumoon Abdul Gayoom (@maumoonagayoom) August 17, 2016
މައުމޫންގެ ޓުވީޓުރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ބޭބެ، މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ.
އެކަން އެންމެ ބޮޑަށް ފެނުނީ މި ފަހުން މަޖިލީހުން ފާސްކުރި ބިލުތަކަކާ ގުޅިގެންނެވެ. އެ ގޮތުން، ޓޫރިޒަމް ބޭނުންތަކަށް އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ހުށަހެޅި ބިލާއި ހިޔާޅު ފާޅުކުރުން ހުއްޓުވަން ހުށަހެޅި ބިލާ މައުމޫން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އެ ބިލުތަކާ ދެކޮޅަށް ވޯޓު ދެއްވުމުން އެ ބޭފުޅުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ވެސް ރައީސް ޔާމީންގެ ފެކްޝަނުން ކޮންޓްރޯލް ކުރާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އަންގަވާފައިވާ އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
މިއަދު ކުރާ ކަމަކުން ކުރިމަގުގެ ޖީލުތަކުގެ ހައްގުތައް ގެއްލިގެން ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ