ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތައުރީފު ކުރައްވައިފި އެވެ.
އަންނަ މަހު 13 އިން 17 އަށް ރާއްޖޭގައި ބާއްވާ ވޯލްޑް ކަޕާ ގުޅިގެން ރައީސް މައުމޫން ވަނީ މިދިޔަ އާދީއްތަ ދުވަހު ކެރަމް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ކެރަމް އެސޯސިއޭޝަނުން ވަނީ ރައީސް މައުމޫނަށް ކެރަމް ވޯލްޑް ކަޕާ ބެހޭ މައުލޫމާތު އަރުވައިފަ އެވެ.
ރައީސް މައުމޫންގެ ފޭސްބުކް ޕޭޖްގައި ޝާއިޢުކޮށްފައިވަނީ، ކެރަމް އެސޯސިއޭޝަނުން ރާއްޖޭގައި ވޯލްޑް ކަޕް ބޭއްވުމަށް ކުރަމުން ގެންދަނީ ވަރަށް އަގުހުރި މަސައްކަތެއް ކަމަށާއި އެ މުބާރާތަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންވާނެ ކަމަށެވެ.
"ކެރަމް އެސޯސިއޭޝަނާ އަޅުގަނޑު ބައްދަލު ކުރުމުން އެ އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އަޅުގަނޑާ ހިއްސާކުރެއްވި. އެ ކުޅިވަރަށް ލޯބިކުރާ ފަރާތެއްގެ ހައްސިއްޔަތުން އެ މުބާރާތަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ދޭނަން. މިއީ ކުޅިވަރެއްގެ ވޯލްޑް ކަޕެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު. އަންނަ މަހު ބާއްވާ ކެރަމް ވޯލްޑް ކަޕުގެ އިންތިޒާމު ވަރަށް ފުރިހަމަވެގެން ދާނެ ކަމަށް އުންމީދުކުރަން،" ރައީސް މައުމޫނުގެ ޕޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވެއެވެ.
ރައީސް މައުމޫނަކީ އޭޝިއަން ކެރަމް ފެޑެރޭޝަންގެ ޝަރަފުވެރި މަގާމެއް ކަމަށްވާ ޕޭޓްރަން އިން ޗީފްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ އިތުރުން އެ މަނިކުފާނަކީ ކުރިން ކެރަމް ކުރިއެރުވުމަށާއި ކެރަމް ކުޅުއްވައި އުޅުއްވި ބޭފުޅެކެވެ.
ކެރަމް އެސޯސިއޭޝަންގެ މަސައްކަތްތަކަށް ރައީސް މައުމޫން ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ