ހާޖަރާގޭ ލުތުފީ ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފި

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ބަޔަކު ގެނެސް، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތާ ގުޅިގެން ޢުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންދިޔަ، ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ބޭސްފަރުވާ އަށް ކަމަށް ބުނެ، ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅޭތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު، ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ލުޠުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ހޯދާފައިވަނީ، ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއްނެތް އެތައް ބަޔަކު މަރުވެފައިވާތީ، ދައުލަތުން ދަޢުވާކޮށް ޢުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނިކޮށް، 2011 ވަނައަހަރު ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ފިލައިގެން އުޅޭތީ އޭނާ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާތީ ކަމަށެވެ.
ލުތުފީ ހައްޔަރުކުރުމުގެ އަމުރު ފުލުހުންނަށް ކްރިމިނަލް ކޯޓުން ދީފައިވާއިރު، ލުތުފީ ހައްޔަރު ކުރެވޭފަދަ މައުލޫމާތެއްދޭ ފަރާތަކަށް ދިހަ ހާސް އެމެރިކާ ޑޮލަރު (އެއްލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ) ދޭނެ ކަމަށް، މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ލުތުފީގެ މައްޗަށް އޭރު ރާއްޖޭގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން މަރަން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރައްވާފައެވެ.
އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ލުތުފީ ބޭހަށް ފޮނުވަން ހުއްދަ ދިނީ ޖެނުއަރީ 2010 ގައި އެއް އަހަރުގެ މުއްދަތަށެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. ބޮޑެތި ކުށްވެރިން ބޭހަށް ފޮނުވަނީ ސަލާމަތީ ކަންތައް ބަލަހައްޓާނެ ފުލުހުން ނުވަތަ ސިފައިންގެ ބަޔަކާއި އެކު ނަމަވެސް އެފަހަރު ސިފައިންގެ މީހަކު ވެސް ފުލުހަކުވެސް ފޮނުވާފައެއް ނުވެ އެވެ.
މައުމޫން ސަރުކާރުގެ ދުވަސްވަރު ވެސް ބޭސްފަރުވާ އަށް ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ބޭސްކުރަނީ ސަލާމަތީ ގޮތުން އޭނާ ބަލަހައްޓާ ބަޔަކާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ