ފުލުހުންގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުން ސަލާމަތްވުމަށް އިލްތިމާސްކޮށްފި

ފުލުހުން ކަމަށް ބުނެ އެކި އެކި ނަންނަމުގައި ޢާއްމު ރައްޔިތުންނަށް ގުޅައި އެކައުންޓުގެ މަޢުލޫމާތު ހޯދައި އެކައުންޓުގައި ހުންނަ ފައިސާ މަކަރާ ހީލަތުން ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލަތަކެއް ގިނައިން ހުށަހަޅަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެފަދަ އަމަލުތައް ހުއްޓުވަން ފުލުހުންނާއި ޒިންމާދާރު އެހެނިހެން ފަރާތްތަކާއި މީޑިއާގެ ވަޞީލަތްތަކުން ކުރަމުންދާ ހޭލުންތެރި ކުރުމުގެ މަސައްކަތުން އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެހެން ގޮތްގޮތުން ވެސް މަކަރާއި ހީލަތް ހަދައިގެން އާންމުންގެ އަތުން ފައިސާ އަތުލާ މައްސަލަތައް މިހާރުވެސް ހުށަހެޅެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ނަމުގައި ކަމަށްބުނެ އާންމުންނަށް ބައެއް ފަރާތްތަކުން ގުޅައިގެން އެކައުންޓުގެ މައުލޫމާތު ހޯދާ ފައިސާ ހޯދަމުން ދިޔަ މައްސަލަ ވަނީ މި ހަފްތާގައިވެސް ހުށަހެޅިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ޕޮލިސް ސާވިސްއިން ނުވަތަ ވަކިވަކި ފުލުހުންވެސް ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، ނޫންނަމަ ތަހުގީގު ބޭނުމަށް އެއްވެސް މީހަކަށް ފޯނުން ގުޅައި އެމީހެއްގެ އެކައުންޓުގެ މަޢުލޫމާތު ސާފުކޮށްދޭން ނުބުނާނެ ކަމަށެވެ. އެފަދަ މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެކަމެއް ކުރާނީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްގެން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނުދަންނަ ފަރާތެއް ގުޅައިގެން ވަކި ތަނެއް ކަމަށް ބުނެ އެކައުންޓުގެ މައުލޫމާތުތައް ބަލާނަމަ އެއިން އެއްވެސް ފަރާތަކަށް އެފަދަ މައުލޫމާތެއް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ސަބަބަކީ އެއްވެސް ތަނަކުން އެފަދަ ސެންސިޓިވް މައުލޫމާތެއް ހޯދުމަށް ނުގުޅާނެތީއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ