އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށްތައް، ބިން، އަދި ފަޅު ކުއްޔަށް ދެވޭ ގޮތަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ. ރައީސް މައުމޫން މިކަމަށް ގޮވާލައްވާފައިވަނިކޮށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އެ މަނިކުފާނުގެ މި ގޮވާލެއްވުމަށް ތާއީދު ކޮށްފައެވެ.
މިއިސްލާހަކީ ރާއްޖެއަށް ގެއްލުންހުރި ބިލެއް ކަމުގައްޔާއި، މި އިސްލާހަށް ވޯޓުނުދިނުމަށް އެދި ޕީ.ޕީ.އެމްގެ މަޖި ޕާލެމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ރައީސް މައުމޫން ވަނީ މެސެޖު ފޮނުއްވާފައެވެ.
މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅި ރާއްޖޭގެ ބިންތައް ބެރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ބިލަށްވެސް ދެކޮޅު ހައްދަވާފައެވެެ. ހަމަ މިގޮތަށް ޕީޕީއެމްގެ މަޖިލީސް މެންބަރުންނަށް މައުމޫން މެސެޖު ފޮނުއްވި އެވެ. ނަމަވެސް އެއިސްލާހު ވަނީ ފާސްކޮށްފަ އެވެ.
އެ އިސްލާހާ ގުޅިގެން އުމަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށާއި ދެފުށްފެންނަ ގޮތަށް ކަންކަންވޭތޯ ޔަގީންކުރުމާއި، އިންވެސްޓަރުންގެ ކޮންފިޑެންސް ލިބޭނީ އެހެން އަމަލުކުމުން ކަމަށެވެ.
މިކަމާއި ގުޅިގެން ޕީ.ޕީ.އެމްގެ ޕާލެމެންޓްރީ ގްރޫޕުން ބުނެފައިވަނީ ރައީސް މައުމޫން އެހެން އަންގަވާފައިވީނަމަވެސް އެބިލަށް ތާއީދުކޮށް ވޯޓްދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ތަންފީޒުކުރުމަށް އެއްބާރުލުން ދެއްވާކަމަށް އެ ގްރޫޕުން ވަނީ ދިވާޅުވެފައެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޓޫރިސްޓް ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިއުލާންނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
އިއުލާނު ނުކޮށް ރަށްތައް ދޫކުރުމުގެ އިސްލާހަށް ވޯޓް ނުދިނުމަށް މައުމޫން ގޮވާލެއްވި ގޮވާލެއްވުމަށް އުމަރު ތާއީދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ