މެމްބަރު ޔާމީން ޕީޕީއެމްއަށް ސޮއިކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔާމީން ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކުރައްވަން ނިންމާފައިވާކަން ޕީޕީއެމްގެ އިސް އޮފިޝަލަކު 'ސަން' އަށް ކަށަވަރުކޮށްދެއްވައިފި އެވެ.
ޕީޕީއެމްގެ އިސް ފަރާތަކުން މިއަދު ސަން އަށް ވިދާޅުވިގޮތުގައި ރައްޔިތުން މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ ޒުވާނުން މެމްބަރު ޔާމީން ވަނީ އެޕާޓީއަށް ސޮއިކުރެއްވުމަށް ނިންމަވާފައެވެ. އެނގިފައިވާގޮތުން އޭނާ ސޮއިކުރެއްވުމަށް ނިންމަވާފައިވަނީ މިއަންނަ ބުރާސްފަތި ދުވަހު ޕީޕީއެމްއިން ބާއްވާ ބޮޑު ޖަލްސާއެއްގައެވެ.
އެކަމާއި ގުޅިގެން ޔާމީންއަށް ސަން އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ "އަދި ޕީޕީއެމްއަށް ސޮއެއް ނުކުރަން" ކަމަށެވެ. އިތުރު އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދެއްވާފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވާ ޔާމީންގެ އެއްވެސް އައިޑީއަކުން މިހާތަނަށް އެކަން ދޮގުކޮށްފައެއް ނުވެއެވެ.
'ސަން'އަށް އެނގިފައިވާގޮތުގައި ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި އޭނާއާއި މެދު އެމްޑީޕީން ފިޔަވަޅު އެޅުމުން އޭނާ ވަނީ އެކަމަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. އެމައްސަލައާ ގުޅިގެން އޭނާގެ ހިތްހަމަނުޖެހުންތަކެއް ފާޅުކޮށްފައިވާކަމަށް އޭނާއާއި ގާތް ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމައެއާއެކު އޭނާ ޕާޓީއިން އެކަހެރިކޮށްފައިވާ ކަމަށާއި އެޕާޓީގެ ތެރެއިން އޭނާއާއި މެދު ޒާތީ ކަންތައްތަކެއް ހިނގާކަމަށް ބުނެ ޔާމީން ވަނީ އޭނާގެ ގާތް މީހެއްގާތު ވަނީ ވާހަކަ ދައްކަވާފައެވެ.
އެމްޑީޕީން ޔާމީނަށް އެޅިފިޔަވަލުތަކުގެ ތެރޭގައި އެ ޕާޓީގެ އިންތިހާބީ އަދި އައްޔަންކުރެވިފައިވާ އެންމެހާ މަގާމުތަކުން ވަނީ ވަކިކޮށްފައެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރު ކަމުންނާއި ނައިބު މުގައްރިރު ކަމުގެ ޒިންމާތަކުން ވެސް ވަނީ ވަކިކޮށްފައެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަ މަސް ދުވަހަށް އެ ތިން މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި އެމްޑީޕީ ތަމްސީލު ކުރުން ވެސް އެ ތިން މެމްބަރުންނަށް ވަނީ އަހަރު ދުވަހަށް މަނާކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ވެސް ޕީޕީއެމްއަށް ސޮއިކުރަން އުޅޭކަމުގެ އަޑު ފެތުރިފައިވީ ނަމަވެސް ޕީޕީއެމުން އެކަން ޔަގީންކޮށެއްނުދެ އެވެ. ހަމައެހެންމެ ޖުމްހޫރީ ޕާޓީއިން ވަނީ އެކަން ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ