ސްކޫލް ސީޒަން: ވިޔަފާރިތަކަށް އަންނަ ބޮޑު އީދެއް!

ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ އަދި ވެރިރަށް މާލޭގެ މަގުތަކަކީ އަބަދުވެސް ހަލަބޮލި މަގުތަކެކެވެ. އެހެން ނަމަވެސް އަހަރުގެ ބޮޑުބައެއް ނިމިގެންދާ އިރުވެސް މާލޭގެ ގިނަ ހިސާބުތަކުގައި ފިހާރަތަކަށް ވަދެ ހިތްހަމަޖެހިލައިގެން ފަސޭހަކަމާ އެކު ބާޒާރުކޮށް ނިންމާލެވެ އެވެ. އާދައިގެ މަތިން އާއަހަރާ ދިމާކޮށް ވިޔަފާރި ކޮށްލުމަށްޓަކައި މިފަހަރު ވެސް މާލެ ތެރެއަށް ނުކުމެލީމެވެ. ނަމަވެސް ކަމަކުދާކަށް ނެތެވެ. ފިހާރަތަކާއި މުޅި މަގު އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. "އުނގުޅޭ ބާޒާރެއް" ފަދައެވެ.
ހުކުރު ދުވަހަކަށް ވާތީއާއި އާ އަހަރާއެކު ލިބުނު ފުރަތަމަ ހަފްތާ ބަންދަށް ވީމަ، ބާރުބޮޑުވީކަމަށް ހީކޮށް އެރޭ ބާޒާރު ކޮށްލުން ފަސްކޮށް ލީމެވެ. އޭގެ ތިން ވަރަކަށް ދުވަސް ފަހުން އަނެއްކާ ވެސް ވިޔަފާރިކޮށްލަން ނުކުމެލީމެވެ. ހަމަ ކުރީ ރެއެކޭ އެއް ހާލެވެ. ކުޑަކުދިންނާ އެކު އާއިލާތަށް އެއްކޮށް ބާޒާރުކުރުމުގައި އަވަދިނެތި އުޅެނީ އެވެ. ތިން ހަތަރު ކޮތަޅު އަތުގައި ނެތް މީހަކު މަދެވެ. ފޮތް ތަކާއި ދަބަސްތަކާއި ސްކޫލް ބޫޓުން ފެށިގެން ޔުނީފޯމްތަކުން ކޮތަޅުތައް ހުންނަނީ ފުރިފައެވެ.
ވެގެން މިއުޅޭ ގޮތަކީ އުފާވެރި ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރަކަށް ސްކޫލްތައް ހުޅުވެން ކުޑަތަން ވީއެވެ. ދަރިން ސްކޫލަށް ފޮނުވުމަށް ހެޔޮވަރު ބޫޓަކާއި ރީތި ދަބަހެއް ފެނޭތޯ ބަލަނީ އެވެ. ދިގު މުއްދަތަކަށް ބޭނުންކުރެވޭ ފަދަ ރީތި ފޮތްބައެއް ލިބޭތޯ މައިންބަފައިން އަތްފުނާ އަޅަނީ އެވެ. އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެ އައިސް ބާޒާރު ކުރުމަށް މިއީ ލިބޭ ބޮޑު އީދެކެވެ. މިއޮތީ އެއްކަލަ "ސްކޫލް ސީޒަން" ބޯމަތިވެފައެވެ.
ބާޒާރު ކުރުން ހުއްޓާލާފައި ސްކޫލް ސާމާނު ވިއްކާ ފިހާރަތަކުގެ ސޭޓުންނާ ވާހަކަ ދައްކާލީމެވެ. އެ ފިހާރަ ތަކުގެ ސޭޓުން މި ދުވަސްވަރު ތިބީ އުފަލުންނެވެ. ބުނަނީ ހަމައެކައްޗެކެވެ. "މިއީ ވިޔަފާރިވެރިންނަށް ރަން ދުވަސްވަރެއް" ކަމަށެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރުގެ އެހެން ދުވަސްތަކާ އަޅައިބަލާއިރު ސްކޫލް ސީޒަނާ ދިމާކޮށް ސްކޫލް ސާމާނު ވިއްކާ ފިހާރަތައް ތޮއްޖެހެ އެވެ. ވިޔަފާރިވެރިންގެ ޖީބަށް ބަރުވެއެވެ. ފިހާރައިގެ ވަތްގަނޑުތަކަށް ބާރުބޮޑުވެއެވެ.
"މިއީ ހަމަ ވިޔަފާރިތަކަށް ރަން ދުވަސްވަރެއް. މީގެ ކުރިން ބައެއް ރޭރޭ ފިހާރައިގައި އިނދެ ނިދޭ. ހާލަކުން ކަސްޓަމަރެއް ވަންނާނީ. ގިނަ ފަހަރު އެއްޗެއް ނުގަނެ ދާނީ. އެކަމަކު މިހާރު ރޭގަނޑު އަށެއް ޖަހާއިރު ހުޅުވާގޮތަށް 11 ޖަހަންދެން އިށީނދެލާނެ ވަގުތެއް ނުލިބޭ. ކަސްޓަމަރުން ތިބިލެއް ގިނަކަމުން ރޭ ބަންދުކުރީ 12 ޖަހަން އުޅެނިކޮށް،" ގަލޮޅު ދަނޑުކައިރީ ހުންނަ ސްކޫލް ސާމާނު ވިއްކާ ފިހާރައެއްގެ ސޭޓެއް ބުންޏެވެ.
އެ ފިހާރަތަކުން ބުނާގޮތުންނަމަ ފިހާރަތަކުގެ "ސޭލްސް" އެހެން މަސްތަކާ އަޅައިބަލާއިރު، ސްކޫލް ސީޒަންގައި އިންތިހާއަށް މައްޗެވެ. އެހެންކަމުން ފިހާރައިން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި ކުރީބައިގައި ރާއްޖެއިން ބޭރުން މުދާ ގެނެސް ސްޓޮކް ކޮށްފައި ބަހައްޓާކަމަށް ބައެއް ސޭޓުން ބުނެއެވެ.
ބާރު ބޮޑީ ހަމައެކަނި ސްކޫލް ސާމާނު ވިއްކާ ފިހާތަކަކަށް ނޫނެވެ. ސްކޫލަށްގެންދާ ފޮތް ފަންސުރު ވިއްކާ ބުކްޝޮޕްތަކުން މިދުވަސްވަރާ ދިމާކޮށް ތިބީ ޕްރޮމޯޝަން ބޯޑުތައް އަޅުވައިގެންނެވެ. ކުޑަ ވައުޗަރަކުން ފެށިގެން ކޮންމެ ދުވަހަކު އިނާމު ލިބޭ އިރު، ލައްކައިން ދެލައްކައިން އިނާމުތައް އެހެރަ ބަހަނީ އެވެ. އެފަދަ ފިހާރައަކަށް ވެސް ވަދެލީމެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ފޮތް ފަންސޫރު ވިއްކަމުން އަންނަ ނޮވެލްޓީ ބުކްޝޮޕުން ބުނާގޮތުން އެ ބުކްޝޮޕުން ދަނީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަވާގޮތަކަށް ކަންތައްތައް ހަމަޖައްސައިދެމުންނެވެ. އެގޮތުން ފޮތް ލިސްޓަށް ފޮތްނަގަން އަންނަ ފަރާތްތަކަށް ފޮށީގައި ޕެކްކޮށްގެން ފޮތް ދިނުންފަދަ ހިދުމަތްވެސް ދޭކަމަށް އެ ފިހާރައިން ބުންޏެވެ. ގަބޫލުކުރެ އެވެ.
"ރިޕޯޓް ފޯމް ދޫކުރި ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ޕްރޮމޯޝަންތައް ހިންގަމުން. އަޅުގަނޑުމެންގެ ފިހާރައިން ހިންގާ ޕްރޮމޯޝަންގެ ތެރޭގައި ކުރާ ވިޔަފާރިތަކުން ނެގޭ ލަކީ ޑްރޯއެއްގައި ފުރަތަމަ އިނާމަކަށް މި ލިބެނީ 50،000 ރުފިޔާ ދެވަނަ އިނާމަކަށް 30،000 ރުފިޔާ ތިންވަނަ އިނާމަކަށް 20،000 ރުފިޔާ. ދަބަސް ފަދަ ތަކެއްޗަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ،" ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވި އެވެ.
ސްކޫލް ބޫޓާއި ދަބަސް ވިއްކާ ފިހާރަތައް ތޮއްޖެހިފައެވެ. ފޮތް ފަންސުރު ވިއްކާތަންތަން ބިޒީވެފައެވެ. ފަހާތަންތަނުގެ ހާލު އަދި މާބޮޑެވެ. ކުރިން ހަމަޖެހިލައިގެން، ލިބޭ ދެތިން ހެދުމެއް ނިންމާލައިގެން ތިބި ނަމަވެސް މިއަދު ފަހާފޮށީގެ ދަތްގަނޑެއް ނުހުއްޓެއެވެ. މާފަންނުގައި ހުންނަ ހެދުން ފަހާތަނެއްގެ އިސް ވެރިޔަކު ބުނީ، "މިއަދު ޔުނީފޯމަކަށް އޯޑަރު ދީފިނަމަ އެ ޔުނީފޯމް ނިންމާލެވޭނީ ހަފްތާއެއް ފަހުން" ކަމަށެވެ. "ބުކިން އެހާވެސް ފުލް" އެވެ.
ފަހާތަންތަނެކޭ އެއްފަދައިން ގޭގައި ފެހުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ވެސް މިއަދު އަރާމެއް ނެތެވެ. އާއިލާ މީހުންގެ ޔުނީފޯމް އޯޑަރުން ފެށިގެން ގޭދޮށު އެންމެންގެ ދަރިންނަށް ވެސް ޔުނީފޯމް ފަހައިދޭ މީހުން މަދެއް ނޫނެވެ. ގޭތެރެއެކޭ ކުޑަ ފަހާތަނެކޭ އެއްފަދައެވެ.
"އަޅުގަނޑު ފަހާތަން ހުޅުވަނީ ހެނދުނު އަށެއް ޖަހާއިރު. އެގަޑީވެސް ތިބޭނެ ދަރިން ގޮވައިގެން ޔުނީފޯމް ފަހަން މީހުން އައިސް. ވަރަށް ބާރުބޮޑުކޮށް ދަނީ. މިއަދު ދޭ އެއްޗެއް ނިންމަން ނަގާނެ ހަތެއް ނޫނީ އަށް ދުވަސް ޔަގީނުންވެސް. މި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަޅުގަނޑު އޯޑަރެއް ނުނަގަން. ސްކޫލް ހުޅުވޭއިރަށް ނުނިމިދާނެތީ،" ފަހާތަނެއް ހިންގާ އަދި ގޭގައި ވެސް ފެހުމުގެ މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ ފާތިމަތު ވަހީދާ ބުންޏެވެ.
މިއީ ހަމަ ކޮންމެ ސްކޫލް ސީޒަނެއްގެ ވެސް ހާލެވެ. މި ސީޒަނާ ދިމާކޮށް މާލެ އަންނަ، އަތޮޅު ތެރޭގެ މީހުން ގިނަ އެވެ. ސްކޫލް ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންނަ ތިޔާގިކަން، މާލޭގައި ކުލީ ކޮޓަރީގެ ވިޔަފާރިކުރާ ފަރާތްތަކުން ފެށިގެން ސައި ހޮޓަލާއި ކެފޭތަކާއި އެނޫން ވިޔަފާރިތަކަށް އާދެއެވެ. މި ދުވަސްވަރަކީ ކޮންމެ އަހަރަކު ވެސް މާލޭގެ ވިޔަފާރިތަކަށް އެންމެ ބާރުބޮޑުވާ، އަދި އެންމެ ބޮޑު މަންފާއެއްވެސް ލިބޭ ދުވަސްވަރެވެ. ވިޔަފާރިތަކަށް އަންނަ ބޮޑު އީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ