ޓޫރިޒަމް ދާއިރާގެ ތިން ބޭފުޅަކަށް ޕްރިޔަންކާގެ ހާއްސަ އެވޯޑު

ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން މިއުޒިކް ފެސްޓިވަލްގެ ދަށުން، ރޭ ބޭއްވުނު އެ ފެސްޓިވަލްގެ ދެވަނަ މިއުޒިކު ޝޯގައި، ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ އޭނާގެ ހާއްސަ އެވޯޑެއް ޓޫރިޒަމް ދާއިރާގެ ތިން ބޭފުޅަކަށްދީފި އެވެ.
ރޭގެ ޝޯގައި ޕްރިޔަންކާގެ ހާއްސަ އެވޯޑު ލިބިވަޑައި ގެންނެވީ، މިއުޒިކު ފެސްޓިވަލަށް ޕްރިޔަންކާ އަށް ދައުވަތު ދެއްވި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަށާއި ޝޯގެ ހޮސްޕިޓަލިޓީ ޕާޓްނަރު ސަން ޓްރެވަލްގެ ޗެއާމަން އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަށާއި ޝޯގެ މީޑިއާ ޕާޓްނަރު ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަށެވެ.
ޝޯގެ ސްޕޮންސަރުންގެ ގޮތުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ހިމެނިގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ދާއިރާގެ ވެރިންދޭ އަހައްމިޔަތު ހާމަވެގެންދާ ކަމެކެވެ. ވޭތުވެ ދިޔަ އަހަރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަށް އިޝާރާތްކޮށް ޕްރިޔަންކާ ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ރޭގެ ޝޯގައި ތައުރީފުކޮށްފަ އެވެ.
އެ ތިން ބޭފުޅުންގެ އިތުރުން ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެއް ނަަންބަރު ފޭން، ސުނީތާ އަށް ވެސް ވަނީ ޕްރިޔަންކާގެ ހާއްސަ އެވޯޑް ރޭ ދީފަ އެވެ. އެވޯޑު ހަވާލުކޮށް ދިނުމަށް ފަހު ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ސުނީތާ އަކީ ހުނަރުވެރި ނެށުންތެރިއެއް ކަމަށާއި އެކަން ފެނިފައިވާ ކަމަށެވެ. އަދި ސުނީތާ، ޕްރިޔާންކާގެ ސްޓައިލަށް ހެދުން އަޅައިގެން ހުރުމުން އެކަމަށް ވެސް ޕްރިޔާންކާ ތައުރީފުކުރި އެވެ.
"އަހަންނަށް ވުރެ މޮޅަށް އަހަރެންގެ ހެދުން އަޅަނީ ވެސް ސުނީތާ،" ޕްރިޔާންކާ ބުންޏެވެ.
ރޭގެ ޝޯގައި ޕްރިޔަންކާ ބުނެފައި ވަނީ އިތުރު ޝޯއެއް ދިނުމަށް އަދި ރާއްޖެ އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ