ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ: އަބްދުﷲ ޝާހިދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތް ކުރުމަށް އެކުލަވާލާފައިވާ ބެންޗާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާން ޖޭއެސްސީގައި ހޭދަކުރެއްވި ތިން އަހަރު ދުވަހުގެ ތަޖުރިބާ އަށް ބަލާ އިރު ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ނަމަވެސް މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް ޖޭއެސްސީގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އަޅުގަނޑު ދަންނަވާނީ އެ ކޮމްޕޮޒިޝަން އެއީ މިހާރު އެންމެ ފުރިހަމަ ގޮތް ކަމަކަށް ނުފެނެއޭ. ޖޭއެސްސީގެ މަސައްކަތްތަކަކީ ގާތްގަނޑަކަށް ފުލްޓައިމްކޮށް ހިނގަމުންދާން ޖެހޭ މަސައްކަތްތަކެއް. އެހެންވީމާ އެތަނުގައި ތިއްބަވާ ބޭފުޅުންނަކީ އެތަނަށް ކިހާ ވަރަކަށް ވުގުތު ދެވޭ ނުވަތަ ވަގުތު ދެއްވޭނެ ބޭފުޅުންތޯ އަޅުގަނޑުމެންގެ ވޭތުވެ ދިޔަ ތިން އަހަރުގެ ތަޖުރިބާ އަށް އަލިއަޅުވާލާފައި ވިސްނާލަން ޖެހޭ ކަމެއް މިހާރު އެއީ. އެހެންވީމާ އަޅުގަނޑުގެ މިދިޔަ އަހަރުތަކުގެ ތަޖުރިބާ އަށް ވިސްނާލާފައި އަޅުގަނޑު ދަންނަވާނީ މިހާރު ޖޭއެސްސީގެ ކޮމްޕްޒިޝަން ބަދަލުކުރަން އެބަ ޖެހެއޭ. އަޅުގަނޑަށް އެނގޭ އެކަން ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަން. ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމުގައި ވިޔަސް މިހާރު ކުރަން ޖެހޭ ކަމެއް. އަޅުގަނގަޑު ވޭތުވެ ދިޔަ އަހަރުތަކުގެ ތަޖުރިބާ އަށް ބަލާފައި އަޅުގަނޑު ގަބޫލު ކުރަނީ މިހާރު ގާނޫނު އަސާސީ އަށް ވެސް ބަދަލު ގެންނަން ޖެހޭ ކަން." ޝާހިދު ވިދާޅުވި އެވެ.
ޖޭއެސްސީގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތް ކުރުމަށް އުފައްދަވާފައިވާ ބެންޗާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ވަކި ފަރުދެއްގެ މައްސަލައެއް ނުވަތަ ވަކި ޝަރީޢަތެއް ކުރުމަށް ބެންޗެއް ކަނޑައެޅުމުގެ ބާރު ޖޭއެސީގެ ގާނޫނުން ވެސް ފަނޑިޔާރުންގެ ގާނޫނުން ވެސް ޖޭއެސްސީ އަށް ލިބިފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ޖޭއެސީގެ ގާނޫނުގަ އާއި ފަނޑިޔާރުންގެ ގާނޫނުގައި ވަރަށް ސާފުކޮށް އެބަ ބުނޭ ޖޭއެސްސީ އަށް ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ ގޮތާއި ވަކި ކުރެވޭނެ ގޮތް. އަދި ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް ލިބިފައިވާ ބާރުތައް ވަރަށް ސާފުކޮށް އެ ގާނޫނުތަކުގައި ބުނެދީފައި އެބަ އޮތް. އެއް ވެސް ގާނޫނެއްގެ އެއްވެސް މާއްދާއަކުން އަޅުގަނޑަށް ފެންނާކަށް ނެތް ޖޭއެސްސީ އަށް ވަކި ފަރުދެއްގެ މައްސަލައެއް ބަލަން ނުވަތަ ވަކި ޝަރީޢަތެއް ކުރަން ބެންޗެއް ކަނޑައެލުމުގެ ބާރު ނުވަތަ ޖޭއެސްސީގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންކަމުން ޖޭއެސްސީ އަށް ވަކި ފަރުދެއްގެ ނުވަތަ ވަކި މީހެއްގެ މައްސަލަ ބެލުމަށް ނުވަތަ ވަކިޝަރީޢަތެއް ކުރުމަށް ބެންޗެއް ކަންޑައެލުމުގެ ބާރު ލިބިގެންވާ ކަމަކަށް ގަބޫލެއް ނުކުރަން. އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެގޮތަށް އެކަން ކުރެވޭނެ ގާނޫނީ ހަމައެއް ގާނޫނީ އުސޫލެއް ވެސް ނެތް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ހުޅުމާލޭ ކޯޓުގައި ހުންނެވި މެޖިސްޓްރޭޓް މޫސާ ނަސީމް ޖޭއެސްސީ އިން ބަދަލު ކުރައްވާފައި ވަނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއްވެސް ފަނޑިޔާރެއްގެ އެއްވެސް މައްސަލައެއް ނެތި ނުވަތަ ފަނޑިޔާރަކު ބަދުލުވުމަށް ނޭދެނީސް އެއްވެސް ސަބަބެއް ނެތި އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރުން އެއީ ޖޭއެސްސީ އަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން ޖޭއެސްސީން ހުޅުމާލޭ ކޯޓްގެ މެޖިސްޓްރޭޓާއި އަދި މިހާރު ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތް ބެލުމަށް ކަނޑައަޅާފައިވާ ބެންޗު ޖޭއެސްސީން ކަނޑައަޅާފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ވިދާޅުވި އެވެ.
ކޮންމެ މީހެއްގެ ވެސް ޝަރީއަތް ކުރެވެން ޖެހޭނީ ހަމަހަމަކަމާ އެކުގައި ކަމަށާއި އެއްވެސް މީހެއްގެ ޝަރީއަތް ކުރުމުގައި އެއްވެސް ކަހަލަ ތަފާތުތަކެއް ގެންގުޅުމަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްދީފައިވާ ހަމަހަމަ ކަން ގެއްލިގެންދާ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ