ދިއްގަރު ދާއިރާގެ އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައެއް ނުވޭ: އިލެކްޝަންސް

* މ. ދިއްގަރުން އަހްމަދު އާޒިފް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައިއިލެކްޝަނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންް ބުނެފިއެވެ. މިއަދު މ. ދިއްގަރުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ، އިލެކްޝަންސްގެ ކޮމްޕްލަޔަންސް ބިއުރޯއަށް މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނެތް ކަމަށެވެ. "މިހިސާބަށް އައިއިރު އަޅުގަނޑުމެންގެ ކޮންޕްލަޔަންސް ބިއުރޯ ވަނީ ގާއިމްކޮށް ނިމިފައި. އަދި އަޅުގަނޑުމެންނަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައެއް ނެތް،" އަކުރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އޮތީ އިންތިޚާބަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އެ ކޮމިޝަނުން ބޭނުންވަނީ ވީހާވެސް އިންސާފުވެރިކަމާ އެކު އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އިންސާފުވެރިކަމާ އެކު ދެފުށް ފެންނަ އަމާން އޮމާން އިންތިޚާބެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުން،" އަކުރަމް ވިދާޅުވި އެވެ. މިއަދު ހަވީރު ހައެއް ޖެހުމާއެކު ކެންޕޭން ކުރުން ގާނޫނީގޮތުން މަނާވެފައިވާތީ، އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް އެއްވެސް ފަރާތަކުން ކެންޕޭންގެ ހަރަކާތެއް ނުހިންގުމަށް އަކުރަމް ވަނީ އިލްތިމާސްކުރައްވާފައެވެ. އިންތިޚާބު ކުރިއަށްދާ ވަގުތު ކުރުންް މަނާކަންތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަންކަމަށް ސަމާލުކަން ދިނުމަށް އެންމެހައި ފަރާތްތަކުގެ ކިބައިން އަކުރަމް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ވޯޓުލުން ކުރިއަށްދާއިރު ވެސް ގާނޫނާ ޚިލާފު އަމަލުތައް ހިންގާތޯ ކޮމިޝަނުން ބަލާނެ ކަމަށާއި ގާނޫނީ އިމުން ބޭރުންް ކަންތައްކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ