ބޭހެއްގެ ސަބަބުން ކުއްޖަކު ބީރުވި މައްސަލާގައި ދައުލަތުން ދައްކަންޖެހޭ ބަދަލުގެ ފައިސާ ދައްކައިފި

ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމަށް ގެއްލުނު މައްސަލާގައި ބަދަލުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް ސަރުކާރުން އެ ފައިސާ ދައްކައިފި އެވެ.
ބޭހެއްގެ ސަބަބުން ދެ ކަންފަތުގެ އިވުން ގެއްލުނީ މީގެ 12 އަހަރު ކުރިން، 2007 ވަނަ އަހަރު ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ތިން އަހަރުގެ ކުއްޖެއްގެ އެވެ. އެ މައްސަލާގައި ޑޮކްޓަރުންގެ އިހުމާލު އޮތްކަން ސާބިތުވާތީ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ދައުލަތުން އެ ކުއްޖާގެ ބައްޕަ އަށް ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ޖުލައި މަހު އެވެ. އެކަމަކު އެ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް އެ ހުކުމުގައި ކަނޑައަޅައިފައެއް ނެތެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ސަރުކާރުން މިހާރު ދައްކާފައިވާ ކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އަމީރު ވިދާޅުވި ގޮތުގައި އެކި މައްސަލަތަކާ ގުޅިގެން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވެ އެވެ.
ޖެންޓަމައިސިން ކިޔާ ބޭހެއް އެ ކުއްޖާ އަށް ދިނުމުގައި ޑޮކްޓަރުން އިހުމާލުވުމުގެ ސަބަބުން އެ ކުއްޖާގެ ކަންފަތުގެ އިވުން ގެއްލިފައިވާތީ ސުޕްރީމް ކޯޓުން ބަދަލުގެ ގޮތުގައި ނަގައިދިން 7.1 މިލިއަން ރުފިޔާ އަކީ އެ ހާދިސާއަށް ފަހު އެ ކުއްޖާއަށް މުސްތަގްބަލުގައި، ދިރިއުޅުމަށް ކުރެވޭނެ ބައެއް މަސައްކަތްތަކުން މަހްރޫމް ވެފައިވާތީ ތިން މިލިއަން ރުފިޔާ އާއި ނަފްސާނީ ގެއްލުމުގެ ބަދަލަށް ދެ މިލިއަން ރުފިޔާ ވެސް ހިމެނޭ ގޮތަށް ނަގައިދިން ބަދަލެކެވެ.
މީގެ އިތުރުން އެ ކުއްޖާގެ ދެ ކަންފަތުގައި، އާޓިފިޝަލް ވަސީލަތެއް ކަމަށްވާ ކޮކްލިއާ އިމްޕްލާންޓް ހަރުކުރުމާއި ސާވިސް ކުރުމަށް ހަރަދު ކޮށްފައިވާ 700،000 އަށް ވުރެ ގިނަ ރުފިޔާ އާއި ކޮންމެ ހަ މަހަކުން އެ ސާވިސް ކުރުމުގެ ޚަރަދަށް ކޮންމެ ފަހަރަކު 1،000 ޑޮލަރު ހިނގާތީ 35 އަހަރު ދުވަހުގެ މުއްދަތަށް އެކަމަށް ހިނގާނެ ޚަރަދު ކަމަށްވާ 899،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ސުޕްރީމް ކޯޓުން ނަގައިދިން ބަދަލުގެ ތެރޭގައި ހިމެނެ އެވެ.
ކޮކްލިއާ އިމްޕްލާންޓް ސާވިސް ކުރުމަށް މިހާތަނަށް ހިނގާފައިވާ ޚަރަދު ކަމަށްވާ ތިން ލައްކަ ރުފިޔާ އާއި އެ އިމްޕްލާންޓް ހަރު ކުރުމުގެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރުގައި ތިބުމުގެ ޚަރަދަށް ހިނގާފައިވާ ދެ ލައްކަ ރުފިޔާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ހާދިސާ ހިނގާފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލެއްގައި ކަމަށްވާތީ އެ ބަދަލު ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މެޑިކަލް ނެގްލިޖެންސާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ނިންމި އެ މައްސަލަ އަކީ އެކަމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުނުވާ ކަމަށް މަދަނީ ކޯޓާއި ހައި ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށް އެ މައްސަލަ އެ ކުއްޖާގެ ބައްޕަގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލި މައްސަލަ އެކެވެ.
އެކި މަރުހަލާތަކުގައި 10 އަހަރަށް ވުރެ ދިގު ދެމިގެންދިޔަ އެ މައްސަލާގައި ދަށު ކޯޓުގެ މަރުހަލާއިން ފެށިގެން އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ކުއްޖާގެ ބައްޕަގެ ފަރާތުން އެ މައްސަލާގައި ހިލޭ ވަކާލާތުކޮށް ދެއްވީ ވަކީލް ޝާހީން ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ