ފަރުވާއަށްފަހު ރައީސް މައުމޫން ގެއަށް ވަޑައިގެންފި

އަރިދަފުސްރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.
ރައީސް މައުމޫން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކުރީ، އެމަނިކުފާނުގެ 82 ވަނަ އުފަސްދުވަސް ފާހަގަކުރިތާ އެއްދުވަސް ފަހުން، މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާދިނުމަށް ކަމަށެވެ. އޭގެފަހުން، ޔުމްނާ ގެންދެވީ ރައީސް މައުމޫންގެ ހާލުކޮޅާ ގުޅޭގޮތުން ކޮންމެ ދުވަހަކުވެސް ޓްވިޓަރ މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ޔުމްނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ. އަދި ރައީސް މައުމޫނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ރޯގާގެ އާލާސްކަންފުޅު ރަނގަޅުވެ ގެއަށް ވަޑައިގެން، ރައީސް މައުމޫން މިއަދުވަނީ ޓްވީޓެއް ކުރައްވާފައެވެ. ޓްވީޓްގައި އެމަނިކުފާނުވަނީ، އާލާސްކަންފުޅުން ރަނގަޅުވި ކަންމައްޗަށް ﷲ އަށް ހަމްދުކުރައްވާފައެވެ.
އަދި ހަމަ އެއާއެކު، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޮސްޕިޓަލްގެ މެނޭޖްމަންޓުން ދެއްކެވި ޕްރޮފެޝަނަލް ކަމާއި، ވެދެއްވި އެހީތެރިކަމަށްވެސް މައުމޫން ޝުކުރު އަދާކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ