ޖަލު ހުކުމުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންވެއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވި ކަމަށްބުނާ މައްސަލައިގައި، އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުން ނެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލު ކަމަށް ހައިކޯޓުން މިއަދު ނިންމީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހުކުމްގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު ކުރިއަށް ގެންދިޔަ މަރުހަލާތަކުގައި ގާނޫނާއި އަދި އުސޫލާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވެސް، ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ހައްޔަރު ކުރި ބައެއް ސިޔާސީ އިސް ފަރާތްތައް ދޫކޮށްލަން، އަބްދުﷲ ސައީދު އުއްތަަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން 2018 ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގި ތަހުގީގުތަކަށް ފަހު އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ، ފުލުހުން ފޯނުދޭން އެންގުމުން ފޯނު ނުދެއްވި މައްސަލައިގައި އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ދައުވާ އެވެ. ހައިކޯޓުން ވަނީ އެ މައްސަލައިގައި ސިއްރު ތިން ހެކިންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތް އެނގެން ނެތް ކަންވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރަށް ފޯނުގައި ހެކި ހުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމާއި، ފޯނުގެ ސައްހަކަން އެނގޭނެ މައުލޫމާތު ހުށަހަޅާފައި ނެތް ކަމަށް ވެސް ހައިކޯޓުން ރިއާޔަތްކުރި ކަންކަމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ފޯނެއް ދެވެން ނެތް ހާލަތެއްގައި، ފޯނު ނުދެވުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަންވެސް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން މީގެ ކުރިން ވަނީ، ޓެރަރިޒަމުގެ ދައުވާ ވެސް ކޮށްފައިވޭ،،ނަމަވެސް އެ ދައުވާ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އެހެންކަމުން ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވި ކަމަށްބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ހުކުމް ތަންފީޒުކުރެއްވުމަށް އެމަނިކުފާނު ގޭބަންދުގައި ހުންނެވި ހުންނެވުން، ހައިކޯޓުގެ ހުކުމާއި ގުޅިގެން މިވަނީ ނިމުމަކަށް އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ