ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގައި މިހާރު ފެތެރެމުން އަންނަ ހިމަބިއްސަށް ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ ބަލައި އެ ކުދިންގެ ދަފްތަރެއް އެލުލެވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހެލްތް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހިމަބިއްސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދަާޅުވެފައިވަނީ، ވެކްސިން ނުޖާހާ، 18 އަހަރުގެ ކުރިންގެ މައުލޫމާތު ހޯދައި އެކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެފަރާތުން ކުރަމުން އަންނަ ކަމަށެވެ.
"މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ދަފްތަރު މިކުރަނީ ގަސްތުގައި ވިޔަސް ނުވަތަ އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ. އެމަސައްކަތް އަޅުގަނޑުމެންނަކަށް 24 ގަޑި އިރު ތެރޭ ނިންމައެއް ނުލެވުނު. އެމަސައްކަތް މިހާރު ކުރެވެމުން އަންނަނީ." އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު މަސައްކަތް ދާގޮތުން ހަފްތާ ނިމޭއިރު ރާއްޖޭގައި ތިބި 18 އަހަރު ނުވާ ކުދިންގެ މައުލޫމާތުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލެނެވޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ފަހުން ވެކްސިން ނުޖަހައި ތިބި ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ
"އަޅުގަނޑު އުއްމީދު ކުރަނީ މާދަމާއަށް އެ ލިސްޓްބޮޑު ބައެއް އެކުލަވާލެވޭނެ ކަމަށް. ހަފްތާ ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރު ނުވާ ކުދިންގެ މައުލޫމާތު ފުރިހަމަ ދަފްތަރެއް އެކުލެވޭނެ ކަމަށް" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދަފްތަރު އެކުލަވާލުމުގެ އިތުރުން ބައެއް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެ ދުވަސް ތެރޭގައި 1240 މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ