ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުނުކޮށް މައްސަލަތައް ހައްލެއް ނުވާނެ: މައުމޫން
ގާނޫނީ ފަންނުގެ ބިލް އިސްލާހުކޮށް އިންތިގާލީ މަރުހަލާއެއް ހިމަނަން ޖެހޭ ކަމަށް، ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލްގެ ރައީސް، ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ. ގާނޫނީ ވަކީލުކަން ކިޔެވުމަށް ފަހު، ހުވާނުކުރެވި ތިބެން ޖެހޭ މައްސަލައިގައި ރައީސް ނަޝީދު މިއަދު ވަނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެވާހަކަތަކަށް ޝުކުރު އަދާކުރައްވައި ވަކީލް މައުމޫން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ވަކީލުންނަށް ލައިސަންސް ދިނުމުގެ ގަވާއިދުގައި ވަކި ކަންތައްތަކެއް ހުންނަން ގާނޫނުގައި ލާޒިމްކޮށްފައި އޮތުމުން އެ ގަވާއިދު ހެދުމުގައި ލުއިތަކެއް ދިނުމުގެ ގާނޫނީ ބާރު ބާ ކައުންސިލަށް ނެތް ކަމަށެވެ. މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި ގާނޫނު ފާސްވާ ވަގުތުން، ބާ އިމްތިހާނެއް ކައުންސިލުން ތައްޔާރުކޮށްފައި އޮންނަން ވާނެ، ކަމަށް ތަސައްވަރުކޮށްގެން ގާނޫނު ހަދާފައި ވުމަކީ މައްސަލަ އެކެވެ. އަދި އެއީ، ހަމަޖެހޭ ވިސްނުމެއް ނޫންކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ، ޓްރާންސިޝަނަލް ޕީރިއަޑެއް ގާނޫނުގައި އޮތްނަމަ މިހާރު ޖެހިގެން އުޅޭ މައްސަލަތައް ކުރިމަތިނުވާނެ ކަމަށެވެ. "ދަސްވެނިވެފައިވާ ދަރިވަރުންނަށް އިންސާފު ހޯދުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ. ދަރިވަރުން މިހާރު ތިބި ގޮތް ނޭނގޭ ހާލަތުން ސަލާމަތްވުމަށް ޓްރާންސިޝަނަލް ޕީރިއަޑެއް މުހިންމު،" މައުމޫން ވިދާޅުވި އެވެ. "މި ދަތިތަކަކީ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށް ބާ ކައުންސިލުން މަޖިލީހުގައި އެދުނު މައިގަނޑު ސަބަބު،" ލައިސެންސް ދިނުމުގެ ގަވާއިދު އެކުލަވާލައި، 12 އޮކްޓޯބަރު 2019 ގައި ވަނީ އަމަލު ކުރަން ފަށައިފަ އެވެ. މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވިދާޅުވީ، ލޯ ކިޔަވައި ނިމިގެން ދަރިވަރުންނަށް ވަކަލާތުނުކުރެވޭތީވެ، އެތައް ޝަކުވާއެއް ލިބެމުން އަންނަ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނު ފާސްކުރެވުނުތާ ތިން މަސްތެރޭގައި ހަމަޖެހެންޖެހޭ ބާ އިމްތިހާނު ހަމަނުޖެހުމަކީ މި މައްސަލަތަކުގެ އެންމެ ބޮޑު ސަބަބެވެ. "ގާނޫނުން ބާ ކައުންސިލަށް ދީފައި މިވަނީ ތިން މަސް ދުވަސް އެ އިމްތިހާނު ހަދަން، ޖުލައި މަހު ނިމުމުން އޮގަސްޓް މަހުން ބިލަށް އަމަލުކުރަން (ވަނީ) ފެށިފައި...އެހެންވީމަ މިވަގުތު ހުންނަން ޖެހޭނީ އެ އިމްތިހާނުތައް ހަމަޖެހިފައި. ބާ ކައުންސިލުގެ ވެސް އެބަހުރި ޝަކުވާތަކެއް އިމްތިހާނު ހަމަނުޖެއްސުމުގެ. އަޅުގަނޑު އެދެން ޖުޑިޝިއަރީ ކޮމިޓީއިން މިކަމުގައި ހައްލެއް ދަރިވަރުންނަށްވެސް އަދި މުޅި މި ނިޒާމަށްވެސް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް ކޮށްދެއްވަން" ނަޝީދު ވިދާޅުވިއެވެ. މިހާރު ގާނޫނީ ފަންނުގެ ގާނޫނުގެ އޮންނަ ގޮތުންނަމަ އެ ދާއިރާއިން ކިޔަވައި ނިންމާ ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ ތަމްރީނެއްގެ އިތުރުން ބާ އިމްތިހާނެއްވެސް ފުރިހަމަކުރަންޖެހެ އެވެ. އެހެންނަމަވެސް މިފަދަ އިމްތިހާނު ކަރުދާހެއް އެކުލަވާލުމަކީ ގިނަ ދުވަސް ހޭދަވާނޭ ކަމެއް ކަމަށް މައުމޫން ހަމީދު ވަނީ މަޖިލީހުގެ ކޮމިޓީގައި މީގެ ކުރިން ވިދާޅުވެފަ އެވެ. ގާނޫނުގައި އޮތް މި މިންގަނޑުތަކުގެ ސަބަބުން މި އަހަރު ކިޔަވާ ނިމިފައިވާ އެތައް ދަރިވަރުންތަކެއް ވަނީ ހުވާ ނުކުރެވި މަޑުކުރަން ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ