ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލް ވަރަށް ބޮޑަށް އުޖާލާވެ ކުރިއަރައިގެންދާނެ: މިނިސްޓަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރަގައި މިހާރު ފެށިފައިހުރި މަޝްރޫއުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލް ވަރަށް ބޮޑަށް އުޖާލާވެ ކުރިއަރައިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ތިން އަހަރު އެވެ.
ނަމަވެސް ވޭތުވެ ދިޔަ ތިން އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ފެށިފައިހުރި މަޝްރޫއުތަކުން ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ބަދަލުވެގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެއަހަރު ތެރޭގައި 30 އާއި 40 ދޭތެރޭގެ އަދަދަކަށް ރިސޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ މިދާއިރާގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންނާއި މެދު ފިޔަވަޅު އަޅާ ދެން އެކަހަލަ ކަމެއް ނުކުރެވޭނެ ގޮތަށް މުޅި ސިސްޓަމް ބަދަލުކޮށްފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ