މަހިބަދޫ ފިހާރައަކުން ވަގަށް ނެގި ފައިސާއާ ތަކެތި ހޯދާ މީހަކު ހައްޔަރުކޮށްފި

އދ. މަހިބަދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ޕްރީޕެއިޑް ކާޑުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އެރަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ވަގަށް ނެގިކަމަށް ބެލެވޭ ފައިސާ އާއި އެހެނިހެން ތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ މަހިބަދޫ ފަރިމޫ ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިން ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު އެފިހާރައިގެ ވެރިފަރާތުން މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު ވައްކަން ކުރި މީހާއާއި ތަކެތި ހޯދަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި އެމީހާ ހޯދާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ 02:30 ހާއިރު މަހިބަދޫ އިން މާލެ ދިއުމަށްޓަކައި ދެކުނުފަރާތު ބަނދަރުމަތީގައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ޓައިޓްގެ ތެރެއިން 45،700 ރުފިޔާ ފެނިފައިވާ ކަމަށާއި އަދި ކޯޓް އަމުރުގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 7،370 ރުފިޔާ އާއި 50 ރުފިޔާގެ 16 އުރީދޫ ފޯންކާޑާއި 100 ރުފިޔާގެ 23 އުރީދޫ ފޯންކާޑް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. މި ތަކެތި ފެނިފައިވަނީ އެގޭގެ ގިފިލި ތެރޭގައި ސިމެންތިން ރާނާފައި ހުރި ތާންގީއެއްގެ މަތީ އޮތް ކުނަލަކަށްލައި އޮޅާލާފައި އޮއްވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ