މާމެންމެދޫގައި ދިން ކަނޑީގެ ހަމަލަ: ހައްޔަރު ކުރި ފަސް މީހުންނާ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އަތޮޅުގެ ކޯޓްތަކުން އިތުރު ނުކޮށްދިން މައްސަލަ ފެންމަތިވެއްޖެ

ލ. މާމެންދޫގައި ބަޔަކު ކަނޑި އާއި ކަތިވަޅިން ހަމަލަދީ ގދ. ނަޑެއްލާ ކްލައިމެކްސް އަހުމަދު ޝާޒް އައްބާސް23، ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ފަސް މީހުންނާއި ކުޑަކުއްޖާގެ ބަންދުގެ އިތުރުކުރަން އުޅެ އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން އެކަންވާ ގޮތް ނުވެފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން ސަންއަށް ކަށަވަރުކޮށްދީފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ޝާޒަށް ދިން ހަމަލައާ ގުޅިގެން ލ. އަތޮޅުން ހައްޔަރު ކުރި ފަސް މީހުންނާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު މިއަދު 3:00 ޖަހާއިރަށް ހަމަވާތީ ފުލުހުން މިއަދު އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށާއި އެ ކޯޓްގެ ގާޒީނަށް ފޯނުން ގުޅައިގެން ބަންދުގެ މުއްދަތު އިތުރު ކުރަން ހެނދުނުން ފެށިގެން މަސައްކަތްކޮށްފައި ވެއެވެ. އަދި ކޯޓްތަކުގެ ގާޒީގެ ގޭގެއަށް ވެސް ފުލުހުންގެ އޮފިޝަލުން ފޮނުވާފައި ވެއެވެ. ނަމަވެސް މުއްދަތުގެ މަޖިލިސް ބޭއްވޭނީ މިރޭގައި ކަމަށް މެޖިސްޓްރޭޓް ކޯޓްތަކުން ބުނެފައިވާ ކަމަށް ސަންއަށް ވަނީ އެނގިފަ އެވެ.
ފުލުހުން މިއަދު ބުނީ ލ. އަތޮޅުން ހައްޔަރު ކުރި ފަސް މީހުންނާއި ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށައި މިހާތަނަށް ވެސް އެކަމުގައި މިއަދު ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ބުނީ މިއަދު މެންދުރު 3:00 ޖަހާއިރު ބަންދުގެ މުއްދަތު އިތުރު ނުކުރެއްވިޖެ ނަމަ މާމެންދޫ މައްސަލައިގައި ތުހުމަތަށް ހައްޔަރުކޮށްފައި ފަސް މީހުންނާއި ކުޑަކުއްޖާ ގާނޫނުގައިވާ ގޮތުގެ މަތިން މިނިވަން ކުރަން ފުލުހުންނަށް ޖެހޭނެ ކަމަށާއި ނަމަވެސް އޭގެ ކުރިއަށް ހައްލެއް ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.
"މިއަދު އަޅުގަނޑުމެނަށް އެ އަތޮޅުގެ ހަތަރު މެޖިސްޓްރޭޓެއްގެ އަރިހަށް އޮފިޝަލުން ފޮނުވިއްޖެ. ކޮންމެ ބޭފުޅަކު ވެސް އެހެން ބޭފުޅެއްގެ ނަން ވިދާޅުވަނީ. އެ ގޮތަށް ހަތަރު މެޖިސްޓްރޭޓެއްގެ އަރިހަށް ދެވިއްޖެ،" ފުލުހުންގެ ތެރެއިން މައުލޫމާތު ދެއްވި ސީނިއާ ބޭފުޅަކު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅިގެން ފުލުހުން އެމަނިކުފާނަށް ވެސް ގުޅުއްވާފައި ނުވާ ކަމަށެވެ.
"ކޮންމެއަކަސް އަޅުގަނޑަކަށް ތިޔަކަމުގެ އިޝާރާތެއް ވެފައެއް ނެތް،" އިސް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ