ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެވޯޑު ސަން ސިޔާމަށް ދީފި

މިއަހަރުގެ ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދަށް ދެއްވައިފިއެވެ.
އޭނާއަށް މި އެވޯޑު ދެއްވީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް އޮޅުވެލި ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާގައެވެ. އޭނާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރަ މޫސާ ޒަމީރެވެ.
މި ހަފްލާގައި ވަނީ ސިޔާމުގެ ވިޔަފާރިއާ ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކައިފައެވެ. އެ ވީޑިއޯގައިވަނީ ވިޔަފާރީގެ ތެރެއަށް ސިޔާމް ވަދެ ވަޑައިގެންނެވި ގޮތާއި މިހާތަނަށް ހޯއްދަވައިފައވާ ކާމިޔާބީތައް ހާމަކޮށް ދެއްވައިފައެވެ.
އެ ހަފްލާގައި ސިޔާމުގެ ކުންފުންޏަށްވަނީ އިތުރު އެވޯޑެއްވެސް ލިބިފައެވެ. އެއީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ފަރާތަކަށް ދޭ ޚާއްސަ އެވޯޑެވެ. މީގެ އިތުރަށް ސިޔާމުގެ ރިސޯޓެއް ކަމަށްވާ އިރުފުށި ރިސޯޓަށް ވެސް ވަނީ އެވޯޑެއް ލިބިފަ އެވެ. އެއީ އެންމެ ރަނގަޅުފެންވަރަށް ސްޕާގެ ޚިދުމަތް ދޭ ރިސޯޓަކަށްދޭ "ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑް" އެވެ.
މި ހަފްލާގައި އެންމެގިނަ އެވޯޑު ހޯދާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓެވެ. ދެވަނައަށް އެންމެ ގިނަ އެވޯޑް ހޯދީ ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ