ރައީސް މައުމޫން ފެކްޝަނުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފެކްޝަނުން އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިފިއެވެ.
މައައުލޫމާތު ލިބޭގޮތުގައި މިކައުންސިލް ބައްދަލުވުމުގައި އިއްޔެ ރައީސް މައުމޫން ކައުންސިލަށް އައްޔަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކޯރަމް ވެސް ވަނީ ހަމަވެފައެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ކައުންސިލް ބައްދަލުވުމެއް ފަށާފައިވާއިރު ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލު ކުރަން އަމުރުކޮށް 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުމެއް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރު ކޮށްފައެވެ. މިއަމުރާއި އެއްގޮތައް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ 21:00 ގައި ބޭއްވުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ނިންމާފައެވެ.
ދެންމެ ޕީޕީއެމްގެ އޮފީހުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ އިތުރުން އެމްޑީއޭގެ މަޖިލިސް މެންބަރަކު ވެސް ހުންނެވުމާގުޅިގެން މީގެ ކުޑައިރު ކޮޅެއްގެ ކުރިން ނިމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން, އެމްޑީއޭގެ މެންބަރަކު އަދި އެބޭފުޅާ އަށް އެބޭފުޅާ އުޅުއްވާ ޕާޓީ އެއް ނޭންގޭ ބޭފުޅަކު ޕީޕީއެމްގެ އޮފީސްތެރޭގައި ކުރައްވަނީ ކޮންކަމެއްތޯ ސުވާލު އުފެއްދި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވީ ޕީޕީއެމް އޮފީސް ތެރޭގައި ކުރިއަށްދަނީ ސިއްރު ބައްދަލުވުމެއް ކަމަށާއި ޕާޓީއަށް ގެއްލުން ދޭން އުޅޭ ބަޔަކާއިއެކު ސިއްރު ބައްދަލުވުމެއް ބޭއްވުމަކީ އެތެރޭގެ ބަޣާވާތެއް ކުރުން ކަހަލަ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ