ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯ އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބެލެންނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސްޓެލްކޯގެ މައްޗަށް ދައުވާ ކޮށްފައިވަނީ ސްޓެލްކޯއިން ބުނެގެން ގަނެފައިވާ ފޯކްލިފްޓްގެ އަގާއި ގެއްލުމުގެ ބަދަލުހޯދުމަށެވެ. ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފަރާތުން ފޯރުކޮށްދީފައިވާ މުދަލަށް ވާ 1.2 މިލިއަން ރުފިޔާ ސްޓެލްކޯއިން ދައްކާފައި ނުވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެ ކުންފުންޏަށް 45.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އެހެންކަމުން ގެއްލުމުގެ ބަދަލާއެކު ޖުމްލަ 46.8 މިލިއަން ރުފިޔާ ނަގައިދިނުމަށް ސެންޓަ އެންޓަޕްރައިސަސް އިން ވަނީ އެދިފަ އެވެ.
ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އެމައްސަލަ އާއި ގުޅުންހުރި މައްސަލަ އެއް ބަލައި ހުކުމްކޮށްފައިވާ ކަމަށާއި އެމައްސަލަ އިސްތިއުނާފްކުރުމުން އެމައްސަލަ ހައިކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ބަލަމުންދަނީ ސްޕްރީމް ކޯޓުގައި ކަމަށްވެސް އެ ހުކުމްގައި ބުނެފައިވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލަ ނިމެންދެން ސެންޓަ އެންޓަ ޕްރައިސަސްއިން ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
މިމައްސލަ އާއި ގުޅިގެން ސްޓެލްކޯއިން ބުނަމުންދަނީ ސެންޓައެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ގެނައި ފޯކްލިފްޓަކީ ސްޓެލްކޯއިން އެދުނު ފޯކްލިފްޓެއް ނޫން ކަމަށެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ވަނީ އެ ދެ ފޯކްލިފްޓް ސްޓެލްކޯގެ ގޯތުތެރެއިން ނެރުމަށް ސެންޓަ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
ސްޓެލްކޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ