ދިވެހިންގެ އުއްމީދުތައް ގުޅިފައިވަނީ ޖުމްހޫރީ އިއްތިހާދާ ކަމަށާއި އެކަން ފެންނަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިން މޭޓަކަށް، ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ ކުރިއެރުމާއި ތަރައްގީ ގެނެވޭނީ އަތާއި އަތް ގުޅާލައިގެން އިހްލާސްތެރި މަސައްކަތްތަކެއްކޮށްގެން ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ މި ދަތުރުގެ ތެރެއިން ކޮންމެ ބަޔަކާއި ނުވަތަ ކޮންމެ ޕާޓީއެއް ގުޅެން ބޭނުންވި ކަމުގައިވިޔަސް ޖުމްހޫރީ ޕާޓީން މަރުހަބާ ކިޔާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ އުންމީދުތައް މިއަދު ގުޅިފައި މިވަނީ ޖުމްހޫރީ ޕާޓީގެ އިއްތިހާދާއި ނުވަތަ ޖުމްހޫރީ ޕާޓީގެ ގުޅުމާއި، އެހެންކަމާއިއެކީގައި އަޅުގަނޑު މާގިނަ ވާހަކައެއް ދައްކާކަށެއް ނެތިން، އެކަން މިދަނީ ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވެ އެނގެމުން،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ވަޒީފާތައް ދޭނީ ހަމައެކަނި ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށް އެކަނި ނޫން ކަމަށެވެ.
އަދި ވަޒީފާތައް ދޭނީ މިގައުމަށް ތެދުވެރި، އަމާނާތްތެރި ގާބިލު، ހިންގުންތެރި ބޭފުޅުންނަށް ކަމަށާއި އަދި ކޮރަޕްޝަން ކޮރޮޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ބޭފުޅަކަށް ސަރުކާރެއްގައި ވަޒީފާ ދެއްވާނެ ކަމަށް ވެސް ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިއްތިހާދުގެ ވެރިކަމެއްގައި އުޖާލާ އުފާވެރި ބަނދަރަކަށް ގައުމު ގެންގޮސްދޭނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ރަނިންމޭޓު ޑރ.ހަސަން ސައީދާއި ބެހޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރަނިން މޭޓަކަށް ހަމަޖެއްސެވުމަށް ކައުންސިލަށް ދެތިން ބޭފުޅެއްގެ ނަން ހުށަހެޅުއްވި ކަމަށާއި ގައުމީ ހިންގާ ކޮމިޓީން ހަސަން ސައީދުގެ ނަން ފާސްކުރީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ހަސަންއާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ ބޭފުޅެކެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޑރ. ޙަސަން ސައީދަކީ އެމަނިކުފާނު ފަދައިން ގައުމަށް އިހްލާސްތެރި، ކޮރަޕްޝަނާއި ދުރު ބޭފުޅެއް ކަމަށާއި، އިސްލާހަށް އަބަދުވެސް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. ޑރ. ހަސަން އަކީ ހަވާލު ކުރާ ކޮންމެ މަސައްކަތެއް ވެސް ވަރަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާ ކުރައްވާ ބޭފުޅެއް ކަމަށާއި ހަސަން އަކީ ރާއްޖެ އަށް ޕާޓީ ސިސްޓަމް ގެނައުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދި އަދާލަތު ޕާޓީއާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އަދާލަތު ޕާޓީއަކީ ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީނަށް މަތިވެރި ހިދުމަތްތަކެއް އަބަދުވެސް ކުރައްވަމުން ގެންދަވާ އިހްލާސްތެރި ބޭފުޅުންކޮޅެއް ތިއްބެވި ޕާޓީއެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އެ ބޭފުޅުންނަކީ ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވުމަށް ތައްޔާރަށް ތިއްބެވި ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެބޭފުޅުންނަކީ ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްލާލުމާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރަނިންމޭޓް އިއުލާނުކުރުމާއެކު، ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އިއްޒަތްތެރި ގިނަ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ އިއްތިހާދާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމެއް ގާސިމް މިރޭ ވިދާޅެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ރާއްޖޭގެ ބައެއް ރަށް ރަށުން ވިލާ ރޯޅި އެންމެ ބޮޑު ދެ ލޯންޗުގައި މީހުން ޖަލްސާއަށް ގެނެސްފައިވެ އެވެ.
ދިވެހިންގެ އުއްމީދުތައް ގުޅިފައިވަނީ ޖުމްހޫރީ އިއްތިހާދާ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ