ބޭރު ސިފައިން އެރުމަށް ގޮވާލާ ކޮންމެ މީހަކީ ޣައްދާރެއް - މައުމޫން

ބޭރުގެ އަސްކަރިއްޔާއެއް ރާއްޖެއަށް އެރުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ޣައްދާރެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު ކުރެއްވި ޓުވީޓެއްގައި އެވެ.
"ބޭރުގެ ސިފައިން ރާއްޖެ އަރައި ރާއްޖެ ހިފުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ޣައްދާރެއް." ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރާއްޖެއަށް އިންޑިއާ ސިފައިން އަރާ ހިފުމަށް ގޮވާލާފައިވަނިކޮށެވެ. ޝަހީދު ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިޔާގެ ކިބައިން އެދުމަށާއި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ގޮވާލާ ކަމަށެވެ.
ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް (އާރްޓޫޕީ) އަކީ 2005 ވަނަ އަހަރު އދ. އިން ފާސްކޮށް އަމަލުކުރަމުންދާ އުސޫލެކެވެ. ގައުމަކުން އެގައުމެއްގެ ކަންކަން ހައްލުކުރަން ނުކުޅެދިއްޖެނަމަ އެހެން ގައުމުތަކުގެ އަސްކަރިއްޔާ ބޭނުންކޮށްގެން މިއުސޫލުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އދ. އިން އަޅަމުންގެންދެ އެވެ.
އިރާނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާގެ މަގާމުގައިވެސް ހުންނެވި ޑރ. ޝަހީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާތީ ސިޔާސީ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޝަހީދަށް ރައްދުދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ