މިގައުމު މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން އެމްޑީޕީން ބޭނުމެއް ނުވޭ - މައުމޫން

އޭދަފުށިން: މުޝައްރަފް ހަސަން
ޕީޕީއެމުން ބޭނުންވަނީ މިގައުމު މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން ކަމަށާއި ނަމަވެސް އެމްޑީޕީގައި ތިބީ އެ ފިކުރުގެ ބައެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބ.އަތޮޅަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި އެ އަތޮޅު ދަރަވަންދޫ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެކަން އަމަލުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
އަދި ޕީޕީއެމުން ބޭނުންވަނީ ކުރިން ވެސް އޮތް ގޮތަށް މިގައުމު އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ބާއްވަން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ގައުމު މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން، އަޅުގަނޑުމެންނާއި އިދިކޮޅުގައި ތިބީ އެ ފިކުރުގެ ބައެއް ނޫން، މި ދެންނެވީ އެމްޑީޕީ، އަޅުގަނޑުމެން މިހެން ދެންނެވީމަ އެއް ނޫން، އަމަލުން އެކަން ވަނީ ސާބިތުކޮށްދީފައި." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރަށް ބޭނުންވާ ހުރިހާ ކަމެއް އެބަހުރި ކަމަށާއި މިވަރުގެ ވިޝަނެއްގެ މެނިފެސްޓޯއެއް އެކުލައްވާފައިވާއިރު ރައްޔިތުން ކުރި އެރުން ބޭނުންވާނަމަ ރައްޔިތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދެއްވާނެ ކަމަށެވެ.
މިހާރު ވެރިކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ބަލާއިރު ވެރިކަމަށް އެންމެ ގާބިލް ބޭފުޅާއަކީ ޔާމީންކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި ޔާމީން ހިންގެވި ސްޓެލްކޯއަށް ބަލާލުމުން ވެސް އެކަން އެނގޭނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޔާމީނަށް ތާއީދުކުރައްވަން ޖެހެނީ ވަކި މީހަކަށް ނޫނީ ވަކި ބަޔަކަށް ކަންތައްތަކެއް ހޯދައިދޭކަށް ނޫން ކަމަށާއި އެއީ މުޅި ގައުމުގެ ކުރިއެރުމަށްޓަކައި ގައުމުގެ ހާލަތު އޮތް ގޮތުން ކަމަށެވެ.
ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ނުރަނގަޅު ގޮތަކަށް ވަގަށް ވަރަށް ގިނަ ވޯޓު އަޅައިގެން ވޯޓު އޮޅުވާލިކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ