މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާތިލްކުރުމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ހުކުމްކުރީ 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުނެވެ. ހުކުމްކުރެއްވީ ފަނޑިޔާރު އަބްދުﷲ ސައީދު، އަލީ ހަމީދު، އާދަމް މުހައްމަދު، އަހުމަދު އަބްދުﷲ ދީދީ އެވެ.
އިންތިޙާބު ބާތިލް ކުރަން ސްޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ތާއިދުކުރަށްވާ ނެރުއްވި އަމުރުގައި 16 ކަމެއް ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ހުކުމްގައި ބުނެފައި ވަނީ ފުލުހުންގެ ފޮރެންސިކް ފުލުހުންނާއި ސްޕްރީމް ކޯޓުން އެކުލަވާލި ފަންނީ މީހުން ކުރި އޮޑިޓަކުން، 5623 މީހަކު ޤާނޫނާއި ހިލާފަށް ވޯޓްލާފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ދެވަނަ ހޯއްދެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އާއި ތިންވަނަ ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓޔ ގާސިމް އިބްރާހީމް އަށް ލިބުނު ވޯޓުގެ ތަފާތު ގާތްގަނޑަކަށް 2،000 ގައި އުޅޭ އިރު 5623 ވޯޓުގައި މައްސަލަ ހުރުމަކީ ނަތީޖާ އަށް އަސަރުކުރާނެ ކަމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އިންތިޙާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކުރުމަށް އަމުރުކުރި 16 ކަމުގެ ތެރޭގައި އަށާރަ އަހަރު ނުވާ އެއްވެސް ކުއްޖަކަށް ވޯޓު ނުލެވޭނެ ކަން ކަށަވަރުކުރުމަށާއި ކުޑަކުދިންނާއި މަރުވެފައިވާ މީހުން ވޯޓްލާ މީހުންގެ ލިސްޓުން އުނިކުރުމަށާއި ވޯޓުލާ މީހުންގެ ލިސްޓަކީ ކެންޑިޑޭޓުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިސްޓަކަށް ހެދުމާއި އިންތިހާބުގެ އޮފިޝަލުންނަކީ ވަކި ފަރާތަކަށް ނުޖެހޭ ބައެއްކަން ކަށަވަރުކުރުމަށާއި އެމީހުންގެ މައުލޫމާތު ކެންޑިޑޭޓުންގެ މަންދޫބުންނާ ހިއްސާކުރުމާއި، ޑީއެންއާރު ޑޭޓާބޭސް އަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓް ތައްޔާރުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ހަމައެކަނި މަސްދަރުކަމަށް ހެދުމަށް އަމުރުކޮށްފައިވެ އެވެ.
އަދި ވޯޓް ކަރުދާސް އަލުން ޗާޕް ކުރުމަށާއި، އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކަށް އެކްސެސް ވެވޭގޮތައް އޮންނަ އޮތުން ބަދަލުކޮށް އެންސީއޭ އާއި މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދިއުމަށާއި، ވޯޓްލާ ދުވަހު ކޮންމެ 30 މިނެޓަކުން އެންމެ ފަހުން ވޯޓް ލީމީހާގެ ޓޯކެން ނަމްބަރު އިއުލާން ކުރުމަށާއި ވޯޓް ލީމީހުންގެ ނަންތައް ފެންނާނެ ގޮތައް ބެހެއްޓުމަށާއި، ފޯން އަތް ދަބަސްފަދަ އެއްވެސް އެއްޗެއް ވޯޓް ލާންދާއިރު ވެއްދުން މަނާކުރުމަށާއި، މިހާރު ވޯޓް ލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ރަޖިސްޓްރީ ބާތިލްކޮށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އަމުރުކޮށްފައިވެ އެވެ.
އަދި 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ވެސް ވޯޓް ލެވޭނެކަން ޔަގީން ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި މާލޭ ހާއްސަ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ވަކިން ވޯޓް ފޮށި ބެހެއްޓުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
72 ގަޑިއިރުގެ ތެރޭގައި، އިންތިހާބު ބޭއްވުމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު އާއި ފަނޑިޔާރު އަބުދުﷲ އަރީފް ނެރުއްވި ރައުޔުގައި ވިދާޅުވެފައި ވަނީ އިންތިޙާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު ލިބިފައިވާ ހެކިތަކަށް ބަލާއިރު އިންތިޙާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެއްކަމަށް ދެބޭފުޅުންގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ.
އަދި އިންތިޙާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގައި ހެކި ސިއްރު ކޮށްފައި ވާތީ އާއި މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ އިންތިޙާބު ބާތިލްކުރަން ނުފެންނަކަމަށް ރައުޔުގައި ވެ އެވެ. މުއްތަސިމްގެ ރައުޔުގައި ވިދާޅުވެފައި ވަނީ އިންތިޙާބާއި ބެހޭ މައްސަލަތައް ބެލޭނީ ހައިކޯޓަށް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ