ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ޅ. އަތޮޅަށް ހާއްސަކޮށް އެ އަތޮޅު ނައިފަރަށް ގިނަ އަދަދެއްގެ ބޮޑެތި ކަންތައްތަކެއްކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވައުދުވެވަޑައިގެންފި އެވެ.
ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ޅ. އަތޮޅުގައި އާބާދީ އެންމެ ބޮޑު ދެރަށް ކަމަށްވާ ނައިފަރާ ހިންނަވަރު ބުރިޖަކުން ގުޅާލާނެ ކަމަށާއި އެކަން ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މުޅި ރާއްޖޭގައި އަރަބި އިސްލާމް ކިޔަވައިދޭ ހަތަރު މަރުކަޒެއް ބިނާކުރާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން އެއް މަރުކަޒު ބިނާ ކުރައްވާނީ ރަށަކީ ނައިފަރު ކަމަށް ވެސް ގާސިމް ރޭ ވައުދުވެވަޑައިގެންނެވި އެވެ.
މީގެއިތުރުން ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތް 2014 ވަނަ އަހަރުގެ ތެރޭގައި ފަށައި އެ ބަނދަރު ވެގެންދާނީ ފެންވަރުގެ ގޮތުން އެންމެ ރަނގަޅު ބަނދަރު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި ފެލިވަރުގެ މަސް ފެކްޓަރީ މުޅިން އަލަން ބިނާކޮށް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެތަނުގައި 100 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވޭ ވަރުގެ ފެކްޓަރީއެއް އަޅުއްވާނެ ކަމަށާއި ފެލިވަރުގެ ބިން ހިއްކާ އެރަށުގައި އެއާޕޯޓެއް ގާއިމްކޮށް އެ ސަރަހައްދަށް ބޮޑު ތަރައްގީއެއް ގެންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ނައިފަރަށް ވަޑައިގަތުމުން އެރަށުގެ ގިނަ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ނައިފަރު ރައްޔިތުންނަށް ގާސިމް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ