ޑރ. ބިލާލް ގެންނާކަށް ނުފެނޭ: ނަޝީދު

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީގެކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ބިލާލްއަށް ދައުވަތު ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިނިސްޓަރު މަހުލޫފް ވަނީ ދައުވަތު ގަބޫލު ކުރެއްވީތީ ބިލާލަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މަހުލޫފް ވިދާޅުވީ ބިލާލް ވަޑައިގަންނަވަނީ ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމަށް އިޝާރަތް ކުރައްވާ މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.
މަހުލޫފް، ޑރ. ބިލާލަށް ދައުވަތު ދެއްވާފައިވާތީ އެކަމާ ނުރުހުން ފާޅު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޒުވާނުންނަށް ސުލްހަ އާއި މަސަލަސްކަމުގެ މުހިންމުކަން ބުނެދިނުން މުހިންމު ކަމަށެވެ. ނަމަވެސް ޑރ. ބިލާލްއަކީ އެންމެ ރަނގަޅު މީހެއް ނޫން ކަމަށެވެ. އޭނާއަކީ ހަރުކަށި ފިކުރު ފަތުރައި އަންހެނުންނަށް އަނިޔާވުމަށް ހިތްވަރުދޭ މީހެއް ކަމަށާއި ޑިމޮކްރަސީގެ ވިސްނުމާ ވެސް ދުރު މީހެއްކަން އީވާ ފާހަގަ ކުރެއްވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ ޑރ. ބިލާލްއަކީ އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ. އޭނާގެ ހަރުކަށި ފިކުރާ ހެދި ބައެއް ގައުމުތަކުން އޭނާ ދިޔުން މަނާކޮށްފައިވާކަން ވެސް އިމްތިޔާޒު ފާހަގަ ކުރެއްވި އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަކުން ޑރ. ބިލާލް ބޭން ކޮށްފައިވާއިރު ސިންގަޕޫރު ވެސް ވަނީ އޭނާ ވަނުން މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ