ތިރާން އާއި ސަނާފީރް ސައުދީ އަރަބިއާ އަށް ދެވޭނެ – މިސްރުގެ ސުޕްރީމް ކޯޓު

ރެޑް ސީ ނުވަތަ ރަތް ކަނޑުގައި އޮންނަ މިސްރުގެ ދެ ފަޅުރަށް ސައުދީ އަރަބިއާއަށް ދިނުން ގާނޫނު އަސާސީއާ ޚިލާފު ނޫންކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މިނިންމުމާއެކު ރަތް ކަނޑުގެ ދެރަށް ކަމަށްވާ ތިރާން އާއި ސަނާފީރް ސައުދީއަށް ނުދެވޭނެ ކަމަށް އެގައުމުގެ ދަށު ކޯޓުތަކުން ކުރިން ނިންމި ނިންމުންތައް ވަނީ ބާތިލްވެފަ އެވެ. މިސްރާއި ސައުދީއާ ދެމެދު އޮންނަ މި ދެ ފަޅު ރަށް އޮންނަނީ ސިޔާސީ ގޮތުން ވެސް މުހިންމު އޭރިއާއެއްގަ އެވެ.
މިސްރުގެ ދެރަށް ސައުދީއަށް ދޭނެކަން އިއުލާންކޮށްފައި ވަނީ ސައުދީ ރަސްގެފާން ސަލްމާން އެޕްރީލް 2016 ގައި މިސްރަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދަތުރުގައި ސަލްމާން ވަނީ މިސްރަށް މަލްޓި-ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖަކާއި ލުއި ލޯނު ދެއްވާނެކަމަށް އިއުލާން ކުރައްވައިފަ އެވެ.
އެހެންނަމަވެސް މި އެއްބަސްވުމާ ގުޅިގެން މިސްރުގައި ވަރަށް ބޮޑަށް އިހްތިޖާޖް ކުރި އެވެ. މިސްރުގެ ރަށްތައް ސައުދީ އަށް ދިނުމަށް ދެކޮޅު ހެދި ފަރާތްތަކުގެ އިހްތިޖާޖްގައި ބުނަމުން ދިޔައީ އެއީ ގާނޫނު އަސާސީއާ ޚިލާފު އަދި މިސްރުގެ މިނިވަން ކަމަށް ވެސް ހުރަސް އަޅާނެ ކަމެއް ކަމަށެވެ.
އިހްތިޖާޖުގެ ބައިވެރިންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، މިސްރުގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރަށްތަށް ސައުދީ އަރަބިއާ އަށް ދިނުން ގާނޫނު އަސާސީއާ ޚިލާފު ނޫން ކަމަށާއި ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމުން އެކަން ސައްހަވާނެ ކަމަށެވެ. އެގޮތުން މިސްރުގެ ޕާލަމެންޓުން ވަނީ ރަށްތައް ސައުދީ އަށް ދިނުމަށް ޖޫން މަހު ފާސްކޮށްފަ އެވެ.
އޭގެ ހަފުތާއެއް ފަހުން ރައީސް އަބްދުލް ފައްތާހު ސީސީ ވަނީ އެ ނިންމުން ތަސްދީގު ކުރައްވައިފައިވާއިރު، މިސްރު ސަރުކާރުން ބުނަމުން ދިޔައީ ތިރާން އާއި ސަނާފީރަކީ ސައުދީގެ ރަށްތަކެއް ކަމަށާއި އެ ރަށްތައް 1950 ގެ އަހަރުތަކުގައި މިސްރުން ކުއްޔަށް ހިފީ ކަމަށެވެ.
ރަށްތައް ސައުދީ އަށް ދިނުން ހުއްދަ ކަމަށް މިސްރުގެ ސުޕްރީމް ކޯޓުން މި ނިންމީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގަތުމަށް އެއް ދުވަހަށްވެފައި ވަނިކޮށެވެ. އަދި މިސްރުގެ ރިޔާސީ އިންތިޚާބު މި މަހު ފަހުކޮޅު ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ.
މިސްރާއި އިޒްރޭލް، ޖޯޑަން އަދި ސައުދީ އަރަބިއާއާ ގުޅިފައި އޮންނަ ރަތް ކަނޑުގެ މުހިންމު ހިސާބެއްގައި އޮންނަ ތިރާން އާއި ސަނާފީރް އަކީ ގަލްފު އޮފް އަގަބާގެ ފަޅު ދެ ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ