ދުރުވިސްނޭ ލީޑަރަކަށް ފެންނަންހުރީ ހަމައެކަނި ރައީސް ޔާމީން - މެމްބަރު ހުސެއިން

ދިވެހި ޤައުމަށް މިވަގުތު ބޭނުންވަނީ ދުރުވިސްނޭ ހަރުދަނާ ލީޑަރެއްކަމަށާއި، އެފަދަ ބޭފުޅަކަށް ފެންނަންހުރީ ހަމައެކަނި ރައީސް ޔާމީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޤާބިލިއްޔަތާމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި، ﷲގެ ވާގިފުޅާއެކު 2018 ގެ ރިޔާސީ އިންތިޙާބު ފަސޭހަކަމާއެކު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަމަށެވެ.
މީގެ އިތުރުން ހުސެއިން ވަނީ މިނިމިގެންދާ 5 އަހަރުގެ މުއްދަތުގެ ތެރޭގައި ރައީސް ޔާމީން ނަތީޖާ ނެރެދެއްވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ހުސެއިން މިފަދައިން ވިދާޅުވިއިރު މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާހާ ހަލުވިމިނުގައި މިނިމިގެންދާ 5 އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ތަރައްޤީގެ އެތައް ޕްރޮޖެކްޓުތަކެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޙާބު ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު މިހާތަނަށް ކަށަވަރު ވެފައިވަނީ ރައީސް ޔާމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރާ، އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ކުރިމަތިލައްވާނެކަމެވެ. އިދިކޮޅު ތިން ޕާޓީ، ޖޭޕީ، އެމްޑީޕީ އަދި އަދާލަތުން ނެރޭނެ ކެނޑިޑޭޓެއް އަދި އިޢުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ