"ވަލުދޮރޯށިން ވަދެ" ވެރިކަން ހޯދަން އުޅޭ މީހުންނާމެދު ސަމާލުވާންޖެހޭ: އުމަރު

މި ވެރިކަން "ވަލުދޮރޯށިން ވަދެ" ހޯދަން މަސައްކަތްކުރާ މީހުންނާމެދު މިއަދުގެ ޖީލު ސަމާލުވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީން މިރޭ ގެނެސްދިން "ހަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، މާޒީގައި ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު، ގައުމު ދިފާއު ކުރެއްވުމަށް ވެރިންނާއި ބަޠަލުން ކުރެއްވި މަސައްކަތްތަކުން މިއަދުގެ ޖީލު ފިލާވަޅު ދަސްކުރަންޖެހޭ ކަމަށެވެ.
އެގޮތުން މާދަމާ ވެސް ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެނަމަ، އެކަމާ ދެކޮޅަށް ނުކުމެ މިނިވަންކަން އަނބުރާ ހޯދުމަށް މިއަދުގެ ޖީލު ތައްޔާރަށް ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރީ ޒަމާނުގައި ވެރިކަން ހޯދަނީ ކަނޑިބަޑި ހިފައިގެން މައި ދޮރާށިން ވަދެއެވެ. އަދި މިއަދު ވެރިކަން އަތުލަނީ ފިކުރީ ގޮތުން ކުޅެ، "ވަލުދޮރޯށިން" ވަދެ ކަމަށާއި އެކަމާމެދު ސަމާލުވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"... ސަމާލުވާންވީ، ފިކުރީ ގޮތުން އެކިއެކި ހަނގުރާމަ ކޮށްގެން އެމީހުން ބޭނުންވާ ވައްތަރުގެ ފިކުރުގައި ތިބޭ މީހުން ގައުމުގެ ވެރިކަމަށް ގެެނެސްގެން ވެސް މިއަދު މިނިވަންކަން އަތުލާކަން. އެއީ ވަލުދޮރޯށިން މިނިވަންކަން އަތުލާ އަތުލެމެއް... މިއަދު މިނިވަންކަން އަތުލުމަށް ވަދޭ، ވަލު ދޮރޯށިން ވެސް. އަޅުނގަޑުމެންގެ ޖީލު ސަމާލުވެގެން ތިބެންވީ ހާއްސަކޮށް ވަލުދޮރޯށިން ވަދެގެން މި ވެރިކަން ހޯދަން މަސައްކަތްކުރާ މީހުންނާއި މެދުގައި،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި އެކިއެކި ޖަމާއަތްތަކަށް ދިވެހިން ވެސް ހަނގުރާމަކުރަން ގޮސް އުޅޭ ކަން ފާހަގަކުރައްވައި މިނިސްޓަރު އުމަރު ވިދާޅުވީ، "ކޮންމެވެސް ދުވަހަކުން މި މީހުން ރާއްޖެއަށް ދިމާކުރުމަކީ ނެތް ކަމެއް ނޫން" ކަމަށެވެ.
އެގޮތުން، އެފަދަ ހާލަތެއް އައިސްފިނަމަ އެކަމާ ކުރިމަތިލައި އެމީހުންގެ ކިބައިން ރާއްޖެ ސަލާމަތްކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި، މުސްތަގްބަލްގައި މިނިވަންކަމަށް ގޮންޖެހުންތަކެއް ހުރިއިރު، އެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ބޭނުންވާ އަގީދާއާއި ވަރުގަދަކަމާއި ހިތްވަރާއި ވިސްނުން މި ޖީލާއި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވެސް ފޯރުވާންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ