އިންޓަ ސްކޫލް ބީޗު ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން ގޮއިދޫ ސްކޫލް ހޯދައިފި

ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތުގައި، 16 އަހަރުން ދަށުގެ އަންހެން ކެޓަގަރީން އިންޑިވިޖުއަލް އަދި ޓީމް އިވެންޓުތަކުގެ ޗެންޕިއަންކަން ގޮއިދޫ ސްކޫލްގެ ކުޅުންތެރިން ހޯދައިފި އެވެ.
ވީއޭއެމްއިން ކުރިއަށް ގެންދިޔަ ފަސް ވަނަ ބީޗު ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިން، އަންހެން ޑިވިޝަންގެ ޓީމް އިވެންޓުގެ ޗެންޕިއަންކަން ގޮއިދޫ ޓީމް ކާމިޔާބު ކުރީ ފައިނަލްގައި އިމާދުއްދީން ސްކޫލާ ވާދަކޮށް، މެޗު ކާމިޔާބު ކޮށްގެނެވެ. ބީޗް ވޮލީބޯޅަ މުބާރާތުގެ އެ އިވެންޓުގައި ޖުމްލަ 15 ޓީމް ވަނީ ވާދަކޮށްފަ އެވެ.
އޭގެ އިތުރުން ހުކުރު ދުވަހު ފެށި އެ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓުތަކުގައި، 16 އަހަރުން ދަށުގެ އުމުރުފުރައިން، އަންހެން ޑިވިޝަންގެ ރަން މެޑަލް ގޮއިދޫ ސްކޫލްގެ ޝާނިއާ އާއި ރުދައިނާގެ ޕެއާ ވަނީ ހޯދާފަ އެވެ. އެ އިވެންޓު އެ ދެ ކުޅުންތެރިން ކާމިޔާބު ކުރީ އިއްޔެ ކުޅުނު ފައިނަލްގައި ހަމަ އެ ސްކޫލްގެ މައިޝާ އާއި ތޯހިރާގެ ޕެއަރއާ ވާދަކޮށް، މެޗު ކާމިޔާބު ކޮށްގެނެވެ.
ފަސް ވަނަ ބީޗް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން، ފިރެހެން ޓީމް އިވެންޓުގެ ޗެންޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލެވެ. އަދި އެ އިވެންޓުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރެހެން ޗެންޕިއަންކަން ސީއެޗްއެސްއީ ހޯދިއިރު، 19 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓް ކާމިޔާބު ކުރީ ގަލޮޅުމަދަރުސާ އެވެ.
ބީޗް ވޮލީބޯޅަ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓުތަކުގައި، 16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރެހެން އިވެންޓުން ރަން މެޑަލް ހޯދީ މަޖީދިއްޔާ ސްކޫލްގެ ނިޖާދު އާއި ޝާމިނެވެ. އަދި 19 އަހަރުން ދަށުގެ ފިރެހެން އިވެންޓު ސީއެޗްއެސްއީގެ އާރިފް އާއި އަރުޝާން ހޯދިއިރު، އެ އުމުރުފުރާގެ އަންހެން އިވެންޓުގެ ރަން މެޑަލް ހޯދީ ގަލޮޅުމަދަރުސާގެ އަރީޝާ އާއި ނަމީރާ އެވެ.
އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 26 ފެބްރުއަރީ އިން އެކެއް މާޗް އަށެވެ. އެ މުބާރާތުގެ ޓީމް އިވެންޓުތައް ބުރާސްފަތި ދުވަހު ނިމިފައި ވާއިރު، އިންޑިވިޖުއަލް އިވެންޓުތައް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ