ކޯޓުތަކުން އިއްވާ ޙުކުމްތައް ކޮންމެ ދުވަހެއްގައި ޝާއިޢުކުރަން ސުޕްރީމް ކޯޓުން އަންގައިފި

ރާއްޖެގެ ކޯޓުތަކުން އިއްވާ ހުކުމްތައް ކޮންމެ ދުވަހަކު ޝާއިޢުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ސުޕްރީމް ކޯޓުން މިފަދައިން އަންގާފައިވަނީ ފާއިތުވި ހޯމަ ދުވަހު އެ ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައެވެ. އެ ޑައިރެކްޝަނުގައި އަންގާފައިވަނީ ކޮންމެ ކޯޓަކުން އެ ދުވަހެއްގައި އިއްވާ ހުކުމްތައް އިއްވެވި ފަނޑިޔާރުގެ ސޮއާއެކު އާންމުކުރަން ޖެހޭނެ ކަމަށެވެ.
އަދި ހުކުމްތަކުގެ އަސްލު މައްސަލާގައި ހިމެނޭ ޚަޞްމުންނަށް އެ ދުވަހުން ދުވަހަށް ހަވާލުކުރުމާއެކު، ކޮންމެ މައްސަލައެއްގެ ރިޕޯޓު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ހަވާލުކުރަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން އަންގާފައިވެއެވެ.
އަދި ހުކުމަށް ގެނެވޭނެ ބަދަލަކީ ހުކުމް ލިޔުމުގައި އޮންނަ ކުށެއް ނުވަތަ ހިސާބު އަދަދެއްގެ އޮޅުމެއް އިސްލާހުކުރުމަށް ގެނެވޭނެ ބަދަލު އެކަނި ކަމަށް އެ ޑައިރެކްޝަނުގައި ބުނެފައިވެއެވެ. އަދި މައްސަލައެއްގައި ހުކުމެއް ގެންނަން ޖެހޭނީ މައްސަލާގައި ހިމެނޭ ދެ ފަރާތާއި އެ ފަރާތްތަކުގެ ވަކީލުންގެ ހާޒިރުގައި ކަމަށްވެސް އެ ޑައިރެކްޝަނުގައި ބުނެފައިވެއެވެ.
އަދި ހުކުމްކުރާ ދުވަހުގައި ހުކުމުގައި ސޮއިކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވެއެވެ.
އެފަދައިން ސުޕްރީމް ކޯޓުން އެންގި ސަބަބެއް ކަމުގައި ބުނެފައިވަނީ ފަނޑިޔާރުން މަޤާމުން ވަކިކުރާއިރު، ނުވަތަ ސަސްޕެންޑުކުރާއިރު، މައްސަލަތަކުގައި އިއްވާފައިވާ ހުކުމްތަކުގައި ސޮއިކޮށްފައިނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ