ހުކުމް ވިއްކައިފިނަމަ ފިޔަވަޅު އަޅާނެ: ނަޝީދު

ކޯޓުތަކުން މިހާރު ހުކުމް ނުވިއްކޭނެ ކަމަށާއި ހުކުމް ވިއްކައިފި ނަމަ އެންމެނަށްވެސް އެކަން އެނގޭނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޯޓުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބަލައިގަންނާނެ ނިންމުންތަކެއްގެ ގޮތުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.
އަދި ޖުޑީޝަރީ މިނިވަންކޮށް އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުން މި ސަރުކާރު ވެރިކަމަށް އައިސް ބަދަލު ކޮށްފައިވާ ކަަމަށާ މިހާރު ކޯޓްތަކުން ހުކުމް ނުވިއްކޭނެ ކަމަށެވެ. ހުކުމް ނުވިއްކޭނެ ކަމަށް ތަކުރާރު ކުރައްވާ ވިދާޅުވީ ހުކުމް ވިއްކައިފިނަމަ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ވިދާޅުވީ އެފަދަ ކަމެއް ފަނޑިޔާރަކު ކުރައްވައިފިނަމަ މިހާރު ހުރިހާ އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.
އެފަދަ ކަމެއް ކުރައްވައިފިނަމަ މަޖިލީހުން ވެސް ޖޭއެސްސީން ވެސް ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޒާރު ކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަކީ މިހާރު ދެފުށް ފެންނަ ގޮތަށް ޝަރީއަތް ކުރާ ތަނެއްގެ ގޮތުގައި ހެދިއްޖެ ކަމަށާއި އޭގެއިތުރުން ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ އެ ބަލަމުން ގެންދާ ކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
ހަމަހަމަގޮތުގައި އިންސާފު ހޯދައިދިނުމަށްޓަކައި ސަރުކާރުން ތަފާތު ގިނަ މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުޅި ބޯޑުވެސް އެގޮތުގެ މަތީން ބަދަލުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ