މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަޕޫލްގެ މެޗް ބަލާލުމަށް ކްލަބް360ގައި މިރޭ ޚާއްސަ ހަރަކާތެއް!

އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ ދެ ކްލަބްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ލިވަޕޫލްއިން މިރޭ ވާދަކުރާ ފޯރިގަދަ މެޗާ ގުޅިގެން ކްލަބް360ގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން މި ހަރަކާތްތައް އިންތިޒާމްކުރަނީ މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީއެމްވީ)ގެ ފަރާތުންނެވެ.
އެމްޔޫއެސްސީއެމްވީން މައުލޫމާތުދިން ގޮތުގައި މިރޭ 21:30ގައި ފަށާ މި މެޗް ބެލުމަށް ކްލަބް360އަށް ހާޒިރުވާ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެތަނުން ހިލޭ ކެއުމުގެ ބުފޭއެއް އަދި ކޮފީ ލިބޭނެގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ޚިދުމަތްތައް ލިބޭނީ އެ ކްލަބްގެ ޖާޒީ ލައިގެން އަންނަ ފަރާތްތަކުން ނުވަތަ އެމްޔޫއެސްސީއެމްވީގެ މެންބަރޝިޕް ކާޑް ހިފައިގެން އަންނަ ފަރާތްތަކަށެވެ.
ކްލަބް360 އަކީ އެމްޔޫއެސްސީއެމްވީގެ އޮފިޝަލް ފުޑް އެންޑް ބެވަރޭޖް ޕާޓްނަރެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގައި ރަޖިސްޓްރީކުރެވިފައިވާ އެމްޔޫއެސްސީއެމްވީގެ މަގްސަދަކީ މެންޗެސްޓަރ ޔުނައިޓެޑް ކްލަބްގެ ގިނަ ސަޕޯޓަރުން އެއްތަންކޮށް، ގިނަ ޖީލުތަކަކަށް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ދިރުވާ އާލާ ކުރުމެވެ. އެ ކްލަބުން ދަނީ މި މަގްސަދު ހާސިލްކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. 
އެމްޔޫއެސްސީއެމްވީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހިންގުންތެރި ސަޕޯޓާސް ކްލަބް ކަން ފާހަގަކޮށް ގިނަބަޔަކު އަންނަނީ އެކްލަބަށް ތައުރީފް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ