އެކައުންޓިން ދާއިރާގެ ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދޭން ގޮވާލައްވައިފި

އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެކައުންޓިންގ ދާއިރާގެ ޤާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އަދި، މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގ ދާއިރާއިން ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސް އާއި ޙިއްޞާކުރެއްވިއެވެ.
އަދި، ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނާއެކު މި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާ ކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ