މުޖުތާޒް އަވަހާރަވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފިއެވެ.
މުޖްތާޒް ފަހުމީ އަވަހާރަވީ ކޮވިޑް-19 ޖެހިގެން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 2:00 ހާއިރުއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޝަރުޢީދާއިރާއަށް އަދި މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުވާފައެވެ.
ޑީޖޭއޭއިން ބުނީ މުޖުތާޒް ފަހުމީ އަވަހާރަވުމަކީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށާ އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއް ކަމަށެވެ.
21 ޖަނަވަރީ 1960 ގައި އުފަންވެވަޑައިގެންނެވި އަލްއުސްތާޛު މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ފުރަތަމަ ތަޢުލީމު ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.
ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޒީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޒީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޒީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޒީކަން ކުރައްވާފައިވެއެވެ.
މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޒީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޒީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ